މި ސަރުކާރުން އެމަނިކުފާނު ވެސް އަދި ޖަލަށްލައްވާނެ ކަމަށާއި ނަމަވެސް ދޫދިނުމެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވެފައިމިވަނީ އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއަކުން ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހަކު ފެނުމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެ މައްސަލާގައި ނާޒިމް ފުލުހަށް ވެސް ހާޒިރުކުރިއިރު އޭނާގެ ޕާސްޕޯޓް ވެސް މިހާރު ވަނީ ހިފަހައްޓާފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީސް މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕަށް މިއަދު ފޮނުއްވި މެސެޖުތަކެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ކޮއްކޮ އަދި އެމަނިކުފާނު ކަތިލީ ނަމަވެސް ނުގުޑާނެ ކަމަށެވެ. އަދި ފޮޓޯ ގަނޑެއް ފެންނަ އިރަށް މީހަކު މީގެކުރިން މީހުން ފުލުހަށް ގެންގޮސް ސުވާލު ނުކުރާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވަނީ ގިނަ ބައެއްގެ ފޮޓޯ ނަގާފައިވަނީ ފުލުހުންނާ ގުޅިގެން ކަމަށްވެސް ތުހުމަތު ކުރައްވާފަ އެވެ. އަދި ފުލުހުންގެ އިދާރާ އިސްލާހު ނުކުރެވުނު ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްގޮތަކަށް ވެސް މިކަން ނުވި ކަމަށް ނަޝީދު ވިދާޅުވި އެވެ.
“ދެން ވެސް ޑިޕްލޮމެޓުންނާއި ދިމާކުރާ އަދި މުޅި ރާއްޖެ ހަލާކުކުރާ ހައްދުފަހަނައެޅި މީހުން މަތީ މަގާމްތަކުގައި ބައިތިއްބާފައި މި ޕާޓީ މެމްބަރުން ޖަލަށް ލާނީ. އަޅުގަނޑު ވެސް ޖަލަށް ލާނެ ކަން އެނގޭ. އެކަމަކު ވެސް ދުލެއް ނުކުރެވޭނެ.” ނަޝީދު ވިދާޅުވި އެވެ.
ނާޒިމްގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަނދުން ހުސެއިން ކަމަށް ބެލެވޭ މީހަކު އަންހެނަކާއި ފިރިހެނަކާ އެކު ފެންނަ ބަރަހަނާ ފޮޓޯއެއްގެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގް ކުރަމުންނެވެ.