ނަޝީދު ޔޯގާއަށް ތާއީދުކޮށް ވާހަކަ ދެއްކި މައްސަލަ ފުލުހަށް ހުށައަޅައިފި

ޚަބަރު ފަހުގެ

އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަހާއި ގުޅިގެން އާދިއްތަ ދުވަހު އެމްޑީޕީ ހަރުގޭގައި ދެއްކެވި ވާހަކައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހިންދޫންގެ އަޅުކަމެއް ކަމުގައިވާ ޔޯގާއަށް ތާޢީދުކޮށް ވާހަކަ ދެއްކި މައްސަލަ ރައްޔިތުންގެ އިއްތިހާދުގެ ފަރާތުން ފުލުހަށް ހުށަހަޅައިފިއެވެ.

އެ އިއްތިހާދުގެ ފަރާތުން ފުލުހަށް ހުށަހެޅު ސިޓީގައި ބުނެފައިވަނީ ރައްޔިތުންގެ މަޖްލީހުގެ ރައީސް ކަމުގެ މަޤާމު މިވަގުތު ފުރުއްވަމުން ގެންދަވާ ގ.ކެނެރީގެ، މުޙައްމަދު ނަޝީދު އިއްޔެގެ އެމް.ޑީ.ޕީގެ 17 ވަނަ އަހަރީ ދުވަސް ފުރުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައިހިންދޫންގެ އަޅުކަމެއް ކަމުގައިވާ ޔޯގާއަށް ތާޢިދުކޮށް ވާހަކަ ދައްކަވާފައިވާކަމަށާއި، އަދި އެއާ ނުލައި މިޤައުމު ސަލާމަތް ނުކުރެވޭނެ ފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި މި މަހުގެ 15 ވަނަ ދުވަހު، އިސްލާމިކް މިނިސްޓްރީއިން ދީނީ ގޮތުން އެކަމާއި ގުޅޭ ޙުކުމް ބަޔާންކޮށް ފުލުހުންގެ މުއައްސަސާއަށް ރަސްމީ ސިޓީ ފޮނުވާފައިވާ ކަމަށާއި،އެސިޓީ މީސްމީޑިއާއަށް ވެސް އާއްމު ދިވެހި އެންމެހާ ރަށްޔިތުންނށް އޭގެ ޝަރުއީ ޙުކުމް އެނގިފައިވާކަމަށް ރައްޔިތުންގެ އިއްތިހާދުގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އިސްލާމިކް މިނިސްޓްރީގެ ސިޓީގައި ވާގޮތުން ޔޯގާއަކީ ހިންދޫންގެ ޚާއްސަ އަޅުކަމެކެވެ. އަދި އެކަމަކީ މުސްލިމުން ކުރުން ހުއްދަ ނޫން ކަމަށާއި، އަދި އެއީ ރާއްޖޭގެ ދީނީ އެއްބައިވަންތަ ކަމުގެ ޤާނޫނާއި ވެސް ޚިލާފު ކަމެއްކަމަށް މިނިސްޓްރީގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މިހެން މިކަން އޮތްނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މިވަނީ ފާޅުކަން ބޮޑު ގޮތެއްގައި ޔޯގާ ޕްރޮމޯޓްކޮށް ވާހަކަތަކެއް ދައްކާފައެވެ.

މިކަމާއި ގުޅިގެން ރައްޔިތުންގެ އިއްތިހާދުން ބުނީ އެފަދަ ވާހަކަ ދެއްކުމަކީ ދިވެހި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމުގެ ޤާނޫނާއި ޤާނޫނު އަސާސީއާއި ދީނީ މަޞްލަޙަތުތަކާއިވެސް ފުށުއަރާ ކަމެއް ކަމަށެވެ.

މިއާއިއެކު މުޙައްމަދު ނަޝީދު ޔޯގާއާ މެދުގައި ދައްކާފައިވާ ވާހަކައަކީ ޤާނޫނު ނަންބަރު 94/6 (ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރާ ޤާނޫނު) އާއި ކަނޑައެޅިގެން ޚިލާފު ކުށެއް ކަމުގައި ވާތީ، މުޙައްމަދު ނަޝީދުގެ މި މައްސަލަ ތަޙްޤީޤް ކޮށްދެއްވައި އޭނާގެ މައްޗަށް ދަޢުވާ އުފުއްލަވައި ދެއްވުމަށް ރައްޔިތުންގެ އިއްތިހާދުން ވަނީ އެދިފައެވެ.

ރައްޔިތުންގެ އިއްތިހާދުން ފުލުހަށް ހުށަހެޅުއްވި ސިޓީއާ އެކުގައި ޔޯގާއާ މެދު އިސްލާމިކް މިނިސްޓްރީއިން ފުލުހުންނަށް ހުށަހެޅުއްވި ސިޓީއާއި އެސިޓީއާއި ޚިލާފަށް މުޙައްމަދު ނަޝީދު ޔޯގާ ޕްރޮމޯޓުކޮށް ދައްކާފައިވާ ވާހަކަތައްވެސް ވަނީ ހުށަހަޅާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ