ޔޯގާ ހެދުމާ، މިއުޒިކް ކުޅުންފަދަ އިލްމްވެރިންގެ މެދުގައި ހިލާފު އުފެދިފައިވާ ކަންކަމުގައި ވަކި ޝައިހަކު އެއީ ހަރާމް ކަމެކޭ ބުނުމުން އެކަން ގަބޫލު ނުކުރެވޭނެ ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަހްލޫފް ވިދާޅުވީ، މީގެ ކުރިން 2014 ވަނަ އަހަރުން ފެށިގެން ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަކޮށްފައިވާ ކަމަށާއި މިހާރު ޔޯގާއާ ދެކޮޅަށް އަޑު އުފުލަނީ ވަކި ސިޔާސީ ބޭނުމެއްގައި ބަޔަކަށް އޮޅުވާލައިގެން ގެއްލުންދޭ އުސޫލުން ކަމަށެވެ.
މި މަހުގެ 21 ވަނަ ދުވަހު ރާއްޖޭގައި އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމަށް ބޭއްވި އިވެންޓާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ ޔޯގާ ވިޔަސް، މިއުޒިކް ވިޔަސް އެ ކަމަކީ ހަރާމް ކަމެއްކަން ސާފުކޮށް ކަނޑައަޅައި ބުނުމުން އެކަމެއް ޔޫތު މިނިސްޓްރީން އިސްނަގައިގެން ނުކުރާނެ ކަމަށެވެ. އެކަމަކު ހިލާފު އުފެދިފައިވާ ކަމެއްގައި ވަކި ޝައިހަކު އެއީ ހަރާމް ކަމެއް ކަމަށް ބުންޏަސް ގަބޫލު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.