ދިވެހި ފައިސާގެ ނިޝާނެއް އަލަށް ހަދައި މިއަދު އެ ނިޝާން ދައްކާލަން ނިންމައިފި އެވެ.
ދިވެހި ފައިސާ ރަމްޒުކޮށްދޭ ނިޝާނެއް ކަނޑައެޅީ އެކަމަށް ހާއްސަކޮށްގެން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިދިޔަ އަހަރު ކުރީކޮޅު ހުޅުވާލި މުބާރާތަކުންނެވެ. މި މުބާރާތަކަށް އެކި ފަރާތްތަކުން ވަނީ އެކި ފަރުމާތައް ހުށަހަޅައިފަ އެވެ.
ރުފިޔާގެ ނިޝާން ފަރުމާކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމަކަށް 20،000ރ.ގެ އިނާމެއް ދޭނެ އެވެ. މިއަދު ބާއްވާ ރަސްމިއްޔާތުގައި އެންމެ ރަނގަޅު ހުށަހެޅުން ހުށަހެޅި ފަރާތުގެ ފަރުމާ ދައްކާލާނެ އެވެ.
މިއީ ލިޔުމުގައި ފައިސާގެ ނަން ލިޔުމުގެ ބަދަލުގައި ބޭނުންކުރާ ނިޝާނެކެވެ.
ނިޝާން ދައްކާލުމަށް ބާއްވާ ހަފްލާ އޮންނާނީ މިއަދު މެންދުރު ފަހު 1:45 ގައި އެމްއެމްއޭގަ އެވެ.
ނިޝާނެއް ހެދުމުގައި އެމްއެމްއޭ އިން ވަނީ އެކި ފޮންޓުތަކުން އެކި ސައިޒަށް އޭގެ އަސްލު ނުގެއްލި ބޭނުންކުރެވޭނެ ނިޝާނަކަށް ބަލައިފަ އެވެ. އެކި ގައުމުތަކުގައި، އެ ގައުމެއްގެ ފައިސާއަށް ހާއްސަކޮށް ނިޝާންތައް ބޭނުންކުރި ނަމަވެސް ރާއްޖޭގައި ތާނައިން ލިޔާއިރު ދިވެހި ރުފިޔާގެ ނިޝާނަކަށް މިހާތަނަށް ބޭނުންކުރަމުން އައީ “ރ” އެކެވެ. އަދި އިނގިރޭސި ބަހުން ލިޔާއިރު MVR ބޭނުންކުރެ އެވެ.