މާލެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއަށް ޕްލޭނިން މިނިސްޓްރީއިން ވަދެގަތީ ގާނޫނާ ހިލާފަށް: މޭޔަރު

ޚަބަރު ފަހުގެ

މާލެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއަށް ޕްލޭނިން މިނިސްޓްރީއިން ވަދެގަތީ ގާނޫނާ ހިލާފަށް ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީ އާއި ހަވާލު ކުރުމަށް ކެބިނެޓުން ނިންމި ކަމަށް ބުނެ އެ މިނިސްޓްރީގެ ސިޓީއެއް މެދުވެރިކޮށް ކައުންސިލަށް އަންގާފައިވާ ކަމުގައެވެ. ސްޓޭޓް މިނިސްޓަރަކު ސޮއި ކުރައްވައި ޕްލޭނިން މިނިސްޓްރީއިން ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި އެގޮތަށް ނިންމި ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ އެ މަސައްކަތް ކުރުމަށް ސިޓީ ކައުންސިލް އިހުމާލު ވުމެވެ.

އިޝްތިހާރު
އިޝްތިހާރު

އެމަނިކުފާނު ވިދާޅުވިގޮތުގައި މާލޭގެ މަގު ހެދުން ސިޓީ ކައުންސިލާއި ލިޔެކިޔުމުން ހަވާލު ކުރީ މާލިއްޔަތު ގާނޫނާއި ލާމަރުލަޒީ ގާނޫނުން ކައުންސިލްތަކަށް ދީފައި އޮންނަ ބާރާއި، މަސްއޫލިއްޔަތާއި، އިހުތިސާސްތަކުގެ ތެރެއިންނެވެ. މުއިއްޒު ފާހަގަކުރެއްވިގޮތުގައި އެ މަޝްރޫއު ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ވަކި ކުރިކަން ރައީސް އޮފީހުންވެސް އަންގާފައެއް ނުވެއެވެ.

އާރުޑީސީ އާއިއެކު ކަސުންސިލުން ވެފައިވާ އެއްބަސްވުމަށް ދެން ހަދަންވީ ކިހިނެއްތޯ ސުވާލު ކުރައްވައި މުއިއްޒު ވިދާޅުވީ އެ އެއްބަސްވުން އުވާލާނަމަ، އަމަލު ކުރަންޖެހޭ ކަންކަން އެއްބަސްވުމުގައި ބަޔާންކޮށްފައި ހުރި ކަމުގައެވެ.

“ޕްލޭނިން މިނިސްޓްރީ އަކީ މި އެއްބަސްވުން ދަންނަވެސް ބައެއް ނޫން. ދެން ކޮން އުސޫލަކުންތޯ ސިޓީއެއް ފޮނުވޭނީ އެއްބަސްވުމާ ގުޅޭގޮތުން. މާލިއްޔަތު ގާނޫނާއި، ލާމަރުކަޒީ ގާނޫނާއި ކޮންޓްރެކްޓަރ ގާނޫނުވެސް ފުނޑާލައިފި.” މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ އޮންނަ އުސޫލުން ޕީއެސްއައިޕީ މަޝްރޫއު އަތުލަން ވީ ކަމަށާއި އެކަމަކު ލާމަރުކަޒީ ގާނޫނަށް ފަހުން ގެނައި އިސްލާހުތަކުގެ ސަބަބުން އެއީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން ކަމުގައެވެ.

މިކަން ތަފްސީލު ކޮށްދެއްވަމުން މުއިއްޒު ވިދާޅުވީ ސަރުކާރުގެ ގާނޫނީ ނިޒާމް އޮންނަ ގޮތުން ޕީއެސްއައިޕީ މަޝްރޫއެއް ކޯޑު ކުރެވޭގޮތް ރައްޔިތުންގެ މަޖިލީހުގެ 85 މެންބަރުންނަށާއި ކެބިނެޓް ވަޒީރުންނަށް އެނގިވަޑައިގަންނަވާނެ ކަމުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ