އަމީނީމަގު ހަދަން ދިނީ އާރްޑީސީއިން އެއްބަސްވީ އަގަށްވުރެ 45 މިލިއަން އިތުރުކޮށް ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އާރްޑީސީއިން ސިޓީ ކައުންސިލާއި އެއްބަސްވީ 39 މިލިއަން ރުފިޔާއަށް އަމީނީމަގު ހަދަން ކަމަށާއި އެ އަގު ހުށައެޅީ ސިޓީ ކައުންސިލުން ނޫން ކަމަށެވެ.
މުއިއްޒު ވިދާޅުވީ 1.68 ކިލޯ މީޓަރުގެ އެ މަގުގެ މަސައްކަތް ކުރަން އިއްޔެ ދެ ގުނައަށް ވުރެ ބޮޑުކޮށް 84 މިލިއަން ރުފިޔާއަށް އާރްޑީސީއަށް ހަވާލުކޮށްފައިވާ ކަމަށާއި އެ އަށް ކޮރަޕްޝަން ނޫން އިތުރު އެއްޗެއް ކިޔެން ނެތް ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ފައިސާ އިސްރާފްކުރުން ކަމަށް ވިދާޅުވެ މުއިއްޒު ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.
ދާދި ފަހުން ފިނޭންސް މިނިސްޓްރީއިން ނެރުނު ސާކިއުލާއަށް އިޝާރާތްކުރައްވާ މުއިއްޒު ވަނީ ހަރަދު ކުޑަކުރަން ނިންމުމަށްފަހު 39 މިލިއަނަށް ފައިދާއާ އެކީ ހިންގެން އޮތް މަޝްރޫއެއް 84 މިލިައަނަށް ނިންމި ގޮތެއް ނޭނގޭ ކަމަށް ވިދާޅުވިއެވެ.
މިކަން މާލޭގެ ރައްޔިތުންގެ ފަރާތުން އެކަން ކުށްވެރިކުރާ ކަމަށާއި އެއީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
“މިހާ ފާޅުކަން ބޮޑު ގޮތެއްގައި ވައްކަން ކުރަމުން މިދަނީ މީ އަޅުގަނޑުމެން ބަލާގަންނާނެ ކަމެއް ނޫން މާލޭގެ ރައްޔިތުންނަށް މިވަރުގެ ނިކަމެތިކަމެއް ދޭކަށް ނުވާނެ . މުޅި ރާއްޖޭގެ ރައްޔިތުންގެ އަތުން ލިބިފައި ހުރި ޓެކްސް ފައިސާއިން މިގޮތަށް އިސްރާފްކޮށްގެން ނުވާނެ”
ޑރ. މުހައްމަދު މުއިއްޒު
މުއިއްޒު ވަނީ މިކަމަކީ މާލެ ސިޓީ ކައުންސިލުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި ކައުންސިލްގެ ބައްދަލުވުމުގައި މަޝްވަރާކޮށް އަޅާނެ ފިޔަވަޅުތައް މަޝްވަރާކުރާނެ ކަމަށް ވިދާޅުވެފައެވެ.