ބަޑިން ހަމަލާދީ ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަބޭގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފި އެވެ.
ރައީސް ސޯލިހްްގެ ތައުޒިޔާގެ މެސެޖްގައި ވިދާޅުވީ އަބޭ އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމަޔާއެކީ ކަމަށެވެ. އަދި ހިތާމައިގެ މިދަނޑިވަޅުގައި ޖަޕާންގެ ރައްޔިތުންނާއި އަބޭގެ އާއިލާއަށް އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައާއި ދިވެހި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ފޮނުއްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަބޭ ގަޔަށް ބަޑިޖަހާފައި ވަނީ ކެމްޕެއިން އެއްވުމެގައި ވާހަކަދައްކަވަން ހުންނަވަނިކޮށެވެ. އެގޮތުން އަބޭ އަވަހާރަވީ ބަޑިން ދިން ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
މި ހާދިސާއާ ގުޅިގެން ޖަޕާން ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.
އަބޭ އަކީ ގިނަ ދުވަސްތަކެއް ވަންދެން ޖަޕާނުގެ ބޮޑުވަޒީރުކަން ކުރެއްވި އެގައުމުގެ ނުފޫޒު ގަދަ ސިޔާސީ ޝަހުސިއްޔަތެކެވެ.