ޢީދުގެ އުފާ ފާޅުކުރާއިރު

ފަހުގެ ދީން

ޢީދު ދުވަހަކީ ކެއިންބުއިމާއި، މުސްލިމުން އެކަކު އަނެކަކަށް ތަހުނިޔާ ކިޔުމާއި، ޢާއިލީ މީހުންނާއި އެކުވެރީންނަށް ޒިޔާރަތް ކުރުމާއި، ތަކްބީރު ކިޔުމާއި، ތަހްލީލު ކިޔުމާއި، ތަޙްމީދު ކިޔުމާ އެކު އުފާ ފާޅުކުރަން އަންނަ ދުވަހެކެވެ. ފިޠުރުޢީދު ނުވަތަ ކުޑަ ޢީދު އަންނަނީ، ރޯދައިގެ އަޅުކަމަށް ފަހުގައެވެ. އަޟްޙާޢީދު އަންނަނީ، ޙައްޖުގެ އަޅުކަމާ ގުޅިގެންނެވެ. މި ދެ ޢީދު ވެސް ގުޅިފައި މި ވަނީ، އިސްލާމީ މަތިވެރި ރުކުންތަކުގެ ތެރެއިން ދެ ރުކުނަކަށް ފަހުގައެވެ. މި ކަމުގައި ވެސް އިލާހީ މަތިވެރި ޙިކުމަތްތަކެއް ވާނެކަން ކަށަވަރެވެ.

ޢީދުގެ އުފާ ފާޅުކުރާއިރު، ދީނުގައިވާ ގޮތާ ޚިލާފަށް އެކަން ކުރުން ވާނީ ބޮޑު މުންކަރާތަކަށެވެ. ހިންދޫންނާއި އެހެނިހެން ބާޠިލު ދީންތަކުގެ އަހުލުވެރީންގެ ޘަޤާފަތްތަކާ އެއްގޮތް ވެގެން ނުވާނެއެވެ. މުސްލިމުންނަށް އަމުރުކުރެވިގެންވަނީ އެހެން ދީންތަކުގެ މީހުންގެ ދީނީ އާދަކާދަތަކާއި އެއުރެންގެ ޢީދުތަކާއި ޘަޤާފަތްތަކުން ދުރުވުމަށެވެ. މުސްލިމުންގެ ޢީދަކީ، ހިންދޫންގެ ހޯލީއާ އެއްވަތަރުގެ ޢީދަކަށް ހަދައިގެން ނުވާނެއެވެ. ހޯލީގެ އެންމެ ފޯރިގަދަ އެއް މުނާސަބަތަކީ ކުލަޖެހުމެވެ. އެހެންކަމުން، ސީދާ އެ ގޮތަށް އެ ކަން މުސްލިމުން ކޮށްގެން ނުވާނެއެވެ. އެއީ އެ ކަންކަމުން އެއްކިބާވާން އިސްލާމްދީން އަމުރުކުރައްވައިފައިވާ ކަންކަމެވެ.

އިޝްތިހާރު
އިޝްތިހާރު

ހަމަ އެހެންމެ، މުސްލިމުންގެ ޢީދަކީ ދެ ޖިންސު މަސްހުނިވެ، އެއްވެސް ހައްދެއް، އިމެއް ނެތް ގޮތުގައި، މާތް ﷲ ޙަރާމް ކުރައްވައިފައިވާ ގޮތަށް އުފާ ފާޅުކުރެވޭ ޢީދަކަށް ވެސް ވެގެން ނުވާނެއެވެ. ދީން ހުއްދަ ނުކުރާ ފަދަ މިޔުޒިކު ޝޯއާއި ފާޙިޝް ލަވަތަކަށް ނެށުން ފަދަ ކަންކަމަކީ މުޅީން އެއްކިބާވާން ޖެހޭ ބޮޑެތި މުންކަރާތްތަކެވެ. އެހެން ނޫނީ ޢީދު ޝަރުޢު ކުރެއްވި މަޤްޞަދުން ބޭރުވެވިގެން ދަނީއެވެ. އެ ކަމުން އެންމެ އުފާވާނީ ޝައިޠާނާ ކަމާ މެދަކު ޝައްކެއް ނެތެވެ.

މުސްލިމުންގެ ޢީދު ވާންޖެހޭނީ މާތް ﷲ އަށް ތަކްބީރު ކިޔޭ ޢީދަކަށެވެ. ތަޙްމީދު ކިޔޭ ޢީދަކަށެވެ. ތަހްލީލު ކިޔޭ ޢީދަކަށެވެ. އެ ކަން ފެށިގެން އަންނަނީ ޢީދު ނަމާދަށް ތައްޔާރުވާ ހިސާބުންނެވެ. ޢީދު ނަމާދަށް ތައްޔާރުވުމުގެ ގޮތުން ރަނގަޅަށް ހިނައިގަނެ، ސާފުތާހީރުވެ، ގައިގައި މީރުވަސް ދުވާ ހުވަނދު ލުމަށް ފަހު، އައު ފޭރާމެއް ނުވަތަ ރީތި ސާފު ހެދުމެއް ލައިގެން، ޢީދު ނަމާދަށް ތައްޔާރުވުމުގައި ގެންގުޅެންޖެހޭ އަދަބުތަކާއި ސުންނަތްތަކަށް ފަރުވާތެރިވެގެންނެވެ. ޢީދު ނަމާދަށްފަހު، ޢާއިލީ މީހުންނާއި އެކުވެރިންނާއި އެހެނިހެން މުސްލިމުންނަށް ޢީދުގެ މަތިވެރި ތަހާނީ ކިޔުމުންނެވެ. އުޟުޙިޔާ ކަތިލުމުގެ ކުޅަދާނަކަން ހުރި މީހަކު ވިއްޔާ އުޟުޙިޔާ ކަތިލުމުގެ ގަދަވެގެންވާ ސުންނަތް ވެސް އަދާކުރަމުންނެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ކާންދިނުމާއި ޒިޔާރަތްކުރުމާއި ޙާލުއަހުވާލު ބެލުމާއި، ޝަރުޢީ މިންގަނޑުން ބޭރުނުވާ ގޮތަށް މުނިފޫހިފިލުވުމުގެ ކަންކަން ވެސް ކުރިޔަށް ގެންގޮސްގެނެވެ.

ދުޢާއަކީ މި ޢީދަކީ ވެސް އަޅުގަނޑުމެންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭނޭ އަދި އަޅުގަނޑުމެންގެ މެދުގައި އިސްލާމީ އުޚުވަތްތެރިކަމާއި އެއްބައިވަންތަކަން ވަރުގަދަވެގެންދާނޭ ޢީދެއް ކަމުގައި ލެއްވުމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ