ހަނިމާދޫ ބަންޑާރަ ގޯތި ވިލަރެސްކުރާ ކޮމިޓީން ފޯމްތަކަށް މާކްސް ދެވިފައިވާ ގޮތުގެ ލިސްޓު އާންމު ކޮށްފިއެވެ.
މިއަދު ހަނިމާދޫ ކައުންސިލު ކުރި އިއުލާނެއްގައި ބުނީ ހަނިމާދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް ކުރެވުނު ނަމްބަރު: ީޫޅ258/258/2022/13 (17 ފެބްރުއަރީ 2022 ) އިއުލާނާއި ގުޅިގެން ގޯއްޗަށް އެދި ފޯމް ހުށައެޅި ފަރާތްތަކަށް ބަންޑާރަގޯތި ދޫކުރުމަށްޓަކައި އެފަރާތްތަކުންހުށައެޅި ފޯމްތައް ވިލަރެސް ކުރުމަށް އައްޔަން ކުރެވުނު ވިލަރެސްކުރާ ކޮމިޓީން ފޯމްތަކަށް މާކްސް ދެވިފައިވާ ގޮތުގެ ލިސްޓު އާންމު ކުރެވިފައިވާކަމަށެވެ.
އަދި މި ލިސްޓުގައި ލިބިފައިވާ މާކްސްއަށާއި އަދި ލިސްޓުގައި އެބޭފުޅަކު ހިމެނިފައިވާ ގޮތާއިމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ 10 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ލިއުމަކުން އެ ކައުންސިލަށް ޝަކުވާ ހުށައެޅުމަށް އެއިއުލާނުގައި ބުނެފައި ވެއެވެ.
ހަނިމާދޫ ކައުންސިލުން އާންމުކޮށްފައިވާގޮތުން ބަންޑާރަ ގޯއްޗަށް އެދުމަށް 608 ފަރާތެއް ފޯމް ނެގިއިރު ފޯމް ހުށައަޅާފައިވަނީ 506 ފަރާތަކުންނެވެ.
މިފަހަރު ހަނިމާދޫން ދޫކުރަނީ 3000 އަކަފޫޓްގެ 200 ބަންޑާރަ ގޯއްޗެވެ. މި ގޯތިތައް ލިބޭނެ ފަރާތްތައް ކަނޑައަޅާނީ ކުރިމަތި ލާފައިވާ ފަރާތްތަކުން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ. އެއް ފަރާތަށް ވުރެން ގިނަފަރާތްތަކުގެ ޕޮއިންޓް އެއްވަރު ވެއްޖެނަމަ ގޯތި ލިބޭ ފަރާތް ކަނޑައަޅާނީ ގުރުއަތު ލައިގެންނެވެ. އެ ގުރުއަތުލުން ބާއްވަނީ 48 ގަޑިއިރު ކުރިން އިއުލާންކޮށް އާންމުކޮށް ހުޅުވާލައިގެނެވެ.
ހަނިމާދޫން އެންމެ ފަހުން ގޯތި ދޫކުރީ މީގެ 10 ވަރަކަށް އަހަރު ކުރިންނެވެ.