މާލެ ސިޓީ ކައުންސިލުގެ “މާވެހި” ޕޯޓަލް ތައާރަފުކޮށްފި

ޚަބަރު ފަހުގެ

މާލެ ސިޓީ ޑިޖިޓަލައިޒް ކުރުމުގެ ޕްރޮގްރާމުގެ ދަށުން ގާއިމު ކުރެއްވި “މާވެހި” ޕޯޓަލް އިފްތިތާހުކޮށްފި އެވެ.

މިޕޯޓަލް އިފްތިތާހް ކޮށްދެއްވީ މިރޭ ބޭއްވި މާލެ ސިޓީ ކައުންސިލްގެ މިއަހަރުގެ ދެވަނަ ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުޢިއްޒު އެވެ.

އިޝްތިހާރު
އިޝްތިހާރު

މާލެ ސިޓީ ކައުންސިލުން ބުނީ “މާވެހި” ޕޯޓަލް އަކީ މާލެ ސިޓީ ކައުންސިލުން ދެމުން އަންނަ ހިދުމަތްތައް ރައްޔިތުންނަށް ފަސޭހަ ކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ތައާރަފު ކުރެވިގެންދިޔަ ޕޯޓަލެއް ކަމަށެވެ. އެގޮތުން މިޕޯޓަލް މެދުވެރިކޮށް މާލެ ސިޓީ ކައުންސިލުން ފޯރުކޮށްދޭ ގިނަ ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

އެ ޕޯޓަލް މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ހިދުމަތަށް އެދެވޭނެ އެވެ.

މި ޕޯޓަލް މެދުވެރިކޮށް ބޭނުންވެލައްވާ ހިދުމަތަކަށް އެދި ފުރިހަމަ ކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކޮށް، އަޕޯޑް ކުރަންޖެހޭ ލިޔެކިޔުންތައް އަޕްލޯޑް ކުރެއްވުމަށްފަހު އެ ހިދުމަތަކަށް އެދެވޭނެ އެވެ. އަދި އެ އެދިލެއްވި ހިދުމަތާއި ގުޅޭ އެންމެފަހުގެ އަދާހަމަ “މައި ސާވިސަސް” ބަލާލެވޭ އިރު، އެދިލައްވާފައިވާ ހިދުމަތުގެ އިތުރު މައުލޫމާތު ބޭނުންވާނަމަ އެ ހިދުމަތަކަށް ފިތާލުމުން އެ މައުލޫމާތުތައް ފެނިގެންދާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެ އެވެ.

އެގޮތުން މިހާރު އެ ހިދުމަތް ގޮސްފައިވާ ހިސާބާއި، ޚިދުމަތަށް އެދުމަށްފަހުގައި މާލެ ސިޓީ ކައުންސިލުން އެ ހިދުމަތަށް ނަގާފައިވާ ހުރިހާ އެކްޝަންއެއް އެތަނުން ފެނިގެންދާނެ ކަމަށް ސިޓީ ކައުންސިލުން ހާމަކޮށްފައިވެ އެވެ. އަދި ހިދުމަތާ ގުޅިގެން ސިޓީ ކައުންސިލުން ނަގާފައިވާ ހުރިހާ އެކްޝަންއެއް އެސްއެމްއެސް މެދުވެރިކޮށް ވެސް އެފަރާތަކަށް ލިބިގެންދާނެ ކަމަށް އެ ކައުންސިލުން ބުނެ އެވެ.

މީގެ އިތުރުން، އެދިލައްވާފައިވާ ހިދުމަތާއި ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް “އިތުރު މައުލޫމާތު” ގެ ތެރެއިން ފެންނަން ހުންނައިރު، މި ޕޯޓަލް އިފްތިތާހުވުމާއި އެކު، ސިޓީ ކައުންސިލްގެ ހުއްދަ އެދޭ ލިޔުން، ދެން ލިބިގެންދާނީ “ޑިޖިޓަލް ޕާމިޓް” އެއްގެ ގޮތުގައި ކަމަށް ވެސް ސިޓީ ކައުންސިލުން ފާހަގަކޮށްފައިވެ އެވެ. އަދި އެ ޕާމިޓްގެ ސައްހަކަން ކަށަވަރު ކުރުމަށް އޭގައިވާ “ކިޔުއާރުކޯޑް” ސްކޭން ކޮށްލުމުން އެއީ ސައްހަ ހުއްދައެއްނަމަ ސިޓީ ކައުންސިލްގެ ސިސްޓަމްއިން އެކަން ދެނެގަންނާނެ ކަމަށް އެ ކައުންސިލުން ބުނެ އެވެ.

ސިޓީ ކައުންސިލްގެ “މާވެހި” ޕޯޓަލްގައި އެ ފަރާތްތަކުން އެދިފައިވާ ހިދުމަތްތަކާ ގުޅޭ ލިޔެކިޔުންތަކާއި، ކޮށްފައިވާ ފައިސާގެ މުއާމަލާތުގެ މައުލޫމާތުގެ އިތުރުން އެފަރާތެއްގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންތަކާއި އިމާރާތްތައް ފަސޭހަ ކަމާއެކު ބަލާލެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ