ޖޫން މަހު 5.2 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އަށް އެތެރެކޮށްފި

ޚަބަރު ފަހުގެ

މިދިޔަ މަހުގެ ތެރޭގައި ރާއްޖެއިން މުދާ އިމްޕޯޓު ކުރި މިންވަރާއި އެކްސްޕޯޓު ކުރި މިންވަރު އަދި ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސް އިން ނެރުނު ޖޫން މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2021 ވަނަ އަހަރުގެ ޖޫން މަހު ރާއްޖެ އަށް އިމްޕޯޓުކޮށްފައިވަނީ 2.9 ބިލިއަން ރުފިޔާގެ މުދާ ކަމަށްވާއިރު މިއަހަރުގެ އެ މުއްދަތުގައި އިމްޕޯޓު ކުރި މުދަލުގެ އަގު ވަނީ 5.2 ބިލިއަނަށް އަރާފައެވެ. މިއީ 78 ޕަސެންޓުގެ ކުރިއެރުމެކެވެ.

އިޝްތިހާރު
އިޝްތިހާރު

މިދިޔަ މަހު އެންމެ ގިނައިން ރާއްޖެ އަށް މުދާ އެތެރެކޮށްފައިވަނީ އޮމާނުންނެވެ. އެގޮތުން އިމްޕޯޓް ކުރި މުދަލުގެ 22 ޕަސެންޓަކީ އޮމާނުން އެތެރެކުރި މުދަލެވެ.

މިދިޔަ މަހު ރާއްޖެ އިން އެކްސްޕޯޓް ކުރި ވަރުވެސް އިތުރުވެފައިވާ އިރު މިދިޔަ އަހަރުގެ ޖޫން މަހު އެކްސްޕޯޓުކޮށްފައިވަނީ 154 މިލިއަން ރުފިޔާގެ މުދަލެވެ. މި އަހަރު އެ އަދަދު އުޅެނީ 247 މިލިއަން ރުފިޔާގަ އެވެ. މިއީ 60 ޕަސެންޓުގެ ކުރިއެރުމެކެވެ.

މިދިޔަ ޖޫން މަހު ރާއްޖެ އިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލޭންޑުންނެވެ. އެގޮތުން ރާއްޖެ އިން މިދިޔަ މަހު އެކްސްޕޯޓް ކުރި މުދަލުގެ 60 ޕަސެންޓް ބޭރުކޮށްފައިވަނީ އެ ގައުމަށެވެ.

ޖޫން މަހު ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓުގެ އިތުރުން މިދިޔަ މަހު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު 44 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި 274 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު އެ އަދަދު އުޅެނީ 394 މިލިއަން ރުފިޔާގަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ