ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސީޝެލްސްގެ ރައީސް އާއި ނައިބް ރައީސްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ސީޝެލްސްގެ ރައީސް ރަމްކަލަވާންއާ ރައީސް ނަޝީދު ބައްދަލުކުރެއްވީ އެމަނިކުފާނު މިހާރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ރިޔާސީ ގަނޑުވަރުގަ އެވެ. އެ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ ސީޝެލްސްގެ ރައީސްއާ އެކު ގިނަ ދާއިރާތަކަކުން ބިނާކުރަނިވި މަޝްވަރާތަކެއް ކުރެއްވުނު ކަމަށެވެ. އެގޮތުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ތިމާވެއްޓާއި ޓޫރިޒަމްގެ ދާއިރާއިން މަޝްވަރާކުރައްވާފައިވެ އެވެ.
ސީޝެލްސްގެ ނައިބް ރައީސް އަހްމަދު އަފީފްގެ މަންމައާއި ބައްޕައަކީ ދިވެހިންނެވެ. ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ގުޅިގެން އުފެއްދި ދައުލަތް ޔުނައިޓެޑް ސުވަދިވްގެ ވެރިޔަކީ އަހްމަދު އަފީފުގެ ބައްޕަ އަބްދުﷲ އަފީފް އެވެ.
ރައީސް ނަޝީދު ވަނީ ސީޝެލްސްއަށް ގެންނަމުންދާ ދިމިގްރާތީ ބަދަލުތަކަށް ކާމިޔާބީއަށް ވެސް އެދިވަޑައިގެންފަ އެވެ.
އަހްމަދު އަފީފްއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މިނިވަން ދުވަހު ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެހާމެ ހިދުމަތްތެރި އެއް އާއިލާ — އެޅަނގެ އާއިލާގެ އަބްދުﷲ އަފީފްގެ ދަރިކަލުން އަހްމަދު އަފީފްއާ ބައްދަލުވެ މަރުހަބާ ދެންނެވުމުގެ ފުރުސަތު ލިބުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ.
ރައީސް ނަޝީދު ސީޝެލްސް އަށް ވަޑައިގެންނެވީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދަައުވަތަކަށެވެ. އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.