ރައީސް ނަޝީދަށް ފިޔަވަޅު އަޅައިދިނުމަށް ޢިލްވެރިން ގޮވާލައިފި

ޚަބަރު ފަހުގެ

ޙައްޤާއި ބާޠިލް އޮޅުވައިލަން ނަޝީދު މަސައްކަތްކުރާތީ އަދި ޚާއްޞަކޮށް ދީނީ ޙުކުމްތަކަށް ގޮންޖައްސަވަމުން ގެންދަވާތީ ކަމަށްބުނެ ފިޔަވަޅު އަޅައިދިނުމަށް ބައެއް ޢިލްމުވެރިން ގޮވާލައްވައިފިއެވެ.

ދީނީ ކަންކަމުގައި ބަސްބުނުމުގެ ހުއްދަނެތި ރައީސް މުޙައްމަދު ނަޝީދު ވާހަކަދައްކަވާތީ ޢިލްވެރިން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާއިރު، ނަޝީދު ގެންދަވަނީ ދެބަސްވުންތައް އުފެދިދާނެ ގޮތްގޮތަށް ބަސްވިދާޅުވެ ދީނީ ހުކުމްތަކާއި މެދު ޓްވީޓް ކުރައްވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ”އިސްލާމީ ފިޤުހުވެރިންގެ މީޒާނުގައި ޔޯގާ ” ގެ ނަމުގައި ކަރުދާހެއް އެކުލަވައިލައި ޢާންމުކުރީ ރޭގައެވެ.

އެކަމަށް ރައްދު ދެއްވަމުން ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔޯގާއަކީ ޝިރުކެއްކަން ދަންނަ ބޭކަލުންގެ އިޖުމާޢުއެއް ނެތް ކަމަށެވެ.

ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމްދީނުގެ ޙުކުމެއްކަމަށް ބަލައިގަންނަން ދަތި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވީ ޢާންމު ތަންތާނގައި ދީނުގެ ވާހަކަ ދެއްކޭނީ އެކުމުގެ ހުއްދަ އޮންނަ މީހުންނަށް ކަމަށާއި، ރައްޔިތުންގެ މަޖިލީސްގެ ރައީސްކަމުގައި ވިޔަސް އެ ނޫން މީހަކަށް ވިޔަސް އެ ހުއްދަ ލިބިގެނެއްނުވާ ކަމަށެވެ.

”ހުއްދަ ނެތި ދީނުގެ ވާހަކަ ދައްކާ މީހުންނަށް ފިޔަވަޅު އަޅައިދެއްވުމަށް ކަމާބެހޭ ފަރާތަށް ގޮވާލަން“ ޝައިޚް ގޮވައިލެއްވިއެވެ.

ޝައިޚް ސައުދާން ވެސް ވިދާޅުވީ ‏ދީނީ ޢިލްމެއް ނެތް އަދި ފަތުވާ ދިނުމުގެ ހުއްދައެއް ނެތް މީހަކު ދީނީ ފަތުވާ ދިނުމަކީ ފިޔަވަޅު އަޅަންޖެހޭނެ ކަމެއް ކަމަށެވެ. އަދި މި މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަންޖެހޭކަމަށް ވެސް ސައުދާން ވިދާޅުވިއެވެ.

”ދީނުގައި ހުއްދަ ކަންކަން ޙަރާމް ކުރުމާއި ޙަރާމް ކަންކަން ހުއްދަކުރުމަކީ މީނާ (ނަޝީދު) އަބަދުވެސް ކުރާކަމެއް. މި ކަން ކުއްވެރިކުރަން.“ ސައުދާން ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަތަކާ ގުޅިގެން ޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވީ ބޭރުގެ ލާދީނީ ޖަމާޢަތްތަކުން ފަންޑު ހޯދައިގެން ލޮބުވެތި މާތް ނަބިއްޔާއަށް މަލާމާތްކޮށް ކުފުރު ރިޕޯޓުު ނެރުނު އެމްޑީއެން ރިޕޯޓުގެ ދިފާޢުގައި ވާހަކަދެއްކި މީހަކު ކޮންމެފަދަ ވާހަކައެއް ވެސް ދައްކަވާފާނެ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ