ކޮއްކޮ ހައްޔަރު ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަންގައި ހިމެނޭ ހައްދުފަހަނައެޅި މީހުން ރުއްސަން ކަމުގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަލަމްގީރް ނަމަކަށް ކިޔާ ބަންގްލަދޭޝްގެ ފިރިހެނަކާއެކު ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ލިވާތު ކުރި މައްސަލައިގައި ނާޒިމް ހައްޔަރު ކުރީ މީގެ އިރުކޮޅެއް ކުރިންނެވެ.
މިކަމާގުޅިގެން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ކޮއްކޮ ލިވާތު ކުރިކަމަށް ބުނެ ފުލުހުން ހައްޔަރުކުރީ ޓާގެޓްކޮށްގެން ރައީސް ސޯލިހު ކަމުގައެވެ. އަދި ނާޒިމް ހައްހަރު ކުރީ ޖިނާއީ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށާއި އެއީ ސިޔާސީ ނުފޫޒުން ކުރި ކަމެއްގެ ގޮތުގައި އެމަނިކުފާނު އެކަން ސިފަކުރެއްވިއެވެ.
މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ޑީއާރުޕީގެ ކުރީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދުގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓުމެންޓުގެ ސީނިއާ މީހެއް ކަމުގައިވާ ސާޖަންޓް އަބްދުއްރަހުމާން ރަފީއު (ދޮންދިގު) ވެސް ވަނީ މިއަދު ހައްޔަރުކޮށްފައެވެ.
ނާޒިމް ހައްޔަރު ކުރީ ކޯލިޝަންގައި ހިމެނޭ ހައްދުފަހަނައެޅި މީހުން ރުއްސަންކަމުގައި ނަޝީދު ވިދާޅުވާ ބަސްފުޅުތަކަކަކީ ހޯމް މިނިސްޓަރު އިމްރާނަށް އަމާޒުކުރެއްވި ބަސްފުޅުތަކަކެވެ. އިމްރާން ގެންދަވަނީ އެމައްސަލައިގައި ފިޔަވަޅު އަޅުއްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.