ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ 71 އެނިއުމަރޭޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ހަނިމާދޫގައި ފަށައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ 71 އެނިއުމަރޭޓަރުން ތަމްރީން ކުރުމުގެ ޕްްރޮގްރާމް ހަނިމާދޫގައި ފަށައިފިއެވެ.

މި ތަމްރީން ޕްރޮގުރާމްގެ ބައިވެރިން އިއްޔެ ހަނިމާދޫއަށް އައިސްފައިވާއިރު ބައިވެރިން 7 ދުވަހު ހަނިމާދޫގައި މަޑުކުރާނެކަމަށް ހަނިމާދޫ ކައުންސިލުން މައުލޫމާތުދެއެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދު ހަނިމާދޫގައި ފެށި އެނިއުމަރޭޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި ހދ ރަށްތަކުން 54 ބައިވެރިން ބައިވެރިވެފައި ވާއިރު ހަނިމާދޫ 17 ބައިވެރިން މި ތަމްރީން ޕްރޮގްރާމްގައި ބައިވެރި ވެފައިވާކަމަށް ހަނިމާދޫ ކައުންސިލުމް މައުލޫމާތު ދެއެވެ.

މި ޕްރޮގްރާމްގައި ކިޔަވަދެއްވުމަށް 6 ޓްރެއިނަރުން ވަނީ ހަނިމާދޫއަށް އައިސްފައެވެ. މި ތަމްރީން ޕްރޮގުރާމް ކުރިޔަށް ދާނީ ހަނިމާދޫ ތިން ސަރަހައްދެއްގައެވެ. އެއީ ހަނިމާދޫ ސްކޫލް، ހަނިމާދޫ އިޖުތިމާއި މަރުކަޒު ހޯލް އަދި އައިޔޫއެމް ހަނިމާދޫ ލަރނިންގ ސެންޓަރގައެވެ. މި ޕްރޮގްރާމްގެ އެންމެހާ ހަރަދުތައް ބަލަހައްޓަނީ މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯއިންނެވެ.

ބޯހިމެނުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ތާރީހަކީ ސެޕްޓެމްބަރު މަހުގެ 13 އިން 25 އަށެވެ. 13 އިން 14 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މީހުން ދިރިއުޅޭ އަދި މަސައްކަތް ހިންގާ ހުރިހާ ތަންތަނުގެ ލިސްޓިންގ ނެގުމުގެ މަސައްކަތެވެ. އަދި 17 އިން 25 އަށް ކުރިއަށްދާނީ ވަކިވަކި ގޭބިސީތަކަށް ގޮސްގެން ދިރިއުޅޭ ތަންތަނާއިބެހޭ މައުލޫމާތު އަދި ވަކި ވަކި މީހުންގެ މައުލޫމާތު ނެގުމުގެ މަސައްކަތެވެ. ބޯހިމެނުމަށްޓަކައި މަޢުލޫމާތުތައް ނެގުމަށް މި ޓީމުން ތަންތަނަށް ޒިޔާރަތް ކުރާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 8:00 އިން އިރުއޮއްސި 6:00 ޖެހުމާއި ދެމެދުގައެވެ.

މިއަހަރުގެ ބޯހިމެނުމުގައި އާންމު ފަރުދުންގެ ފަރާތުން ދިރިއުޅޭ ތަނާއި ބެހޭ މައުލޫމާތުތަކާއި، ދިރިއުޅޭ ތަނުގެ ބޮޑުމިނާއި، މީހުންގެ އުފަން ތާރީޚާއި އުމުރާއި ޖިންސު ފަދަ މަޢުލޫމާތުތައް ނަގާނެއެވެ. އަދި ތަޢުލީމީ ފެންވަރާއި، އަދާކުރާ ވަޒީފާއާއި، ލިބޭ އާމްދަނީއާއި ޚަރަދުތަކުގެ ތަފްޞީލުގެ އިތުރުން ފުރަތަމަ ކައިވެނި ކުރި އުމުރާއި، ދަރިންގެ އަދަދާއި، ފުރަތަމަ ދަރިފުޅު ލިބުނު އުމުރު ފަދަ މަޢުލޫމާތުތައް އެއްކުރާނެއެވެ.

މީގެ އިތުރުން މަސައްކަތް ހިންގާ ތަންތަނުން، ތަނުގެ ރަޖިސްޓްރޭޝަން ނަންބަރުގެ މައުލޫމާތުތަކާއި، ތަނުގައި ހިންގާ މައިގަނޑު މަސައްކަތުގެ ތަފްޞީލާއި، ވަޒީފާގައި ގެންގުޅޭ މުވައްޒަފުންގެ އަދަދުގެ އިތުރަށް، ތަނުގެ އާމްދަނީއާއި ޚަރަދުގެ މަޢޫލޫމާތުތައް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ އާބާދީއާއި ބޯހިމެނުމުގެ ބައެއް މަޢުލޫމާތުތައް އޮކްޓޯބަރު 6 ވަނަ ދުވަހު ޢާއްމުކުރާނެއެވެ. އަދި މުޅި ސަރވޭގެ މަޢުލޫމާތު ހާމަކުރާނީ ޤައުމީ ތަފާސް ހިސާބުތަކުގެ ދުވަސްކަމަށްވާ އޮކްޓޯބަރު 20ގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ