ހޯރަފުށީ އެއަރޕޯޓުގެ ޕަސެންޖަރ ޓަރމިނަލާއި ފަޔަރ ބިލްޑިންގގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފި

ޚަބަރު ފަހުގެ


ހއ. ހޯރަފުށީ އެއަރޕޯޓުގެ ޕަސެންޖަރ ޓަރމިނަލާއި، ފަޔަރ ބިލްޑިންގ ޤާއިމުކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފިއެވެ.

އެކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢާއިޝަތު ނަހުލާއެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީ.އީ.އޯ ޢާދަމް ޢާޒިމެވެ.

އިޝްތިހާރު
އިޝްތިހާރު

ހޯރަފުށީ އެއަރޕޯޓުގައި ޕަސެންޖަރ ޓަރމިނަލަކާއި، ފަޔަރ ބިލްޑިންގއެއް ޤާއިމުކުރުމަށް އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ 80 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އަދި މި މަޝްރޫޢަށް 16.1 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ދަށުން ހޯރަފުށީ އެއަރޕޯޓުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 100 މީހުންގެ ޖާގައިގެ ޕަސެންޖަރ ޓަރމިނަލެކެވެ.

ހޯރަފުށީގައި އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެއް ތަރައްޤީކުރުމަށް އެރަށުގެ ފަޅުން ބިން ހިއްކައި އެއަރޕޯޓުގެ ރަންވޭއާއި، އޭޕްރަން އަދި ޓެކްސީވޭތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރަމުންދަނީ އެމް.ޓީ.ސީ.ސީންނެވެ. މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ނިންމުމުގެ އެންމެ ފަހުގެ މަސައްކަތްތައްކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. އެގޮތުން ތާރުއެޅުމަށް ބޭނުންވާ ބޭސް ލޭޔަރތަކުގެ މަސައްކަތް ކުރިއަށްގެންގޮސް، މިހާރުވަނީ ރަންވޭގައި ތާރު އެޅުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފައެވެ.

އެމް.ޓީ.ސީ.ސީ.ން ވިދާޅުވެފައިވަނީ ކޯވިޑް-19އާ ގުޅިގެން ތަކެތި ގެންދިއުމުގައި ދަތިތަށްހުރިނަމަވެސް، މި މަސައްކަތް ހުއްޓާނުލައި ހަލުވި ދުވެލީގައި ކުރިއަށްދާކަމަށެވެ. ތާރުއެޅުމުގެ މަސައްކަތާއެކު މުޅި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ އޮކްޓޫބަރު މަހަށް ނިމުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.

ހޯރަފުށީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން 1200 މީޓަރު ދިރު، 35 މީޓަރު ފުޅާ ރަންވޭއަކާއި، 8636 އަކަމީޓަރުގެ އޭޕްރަންއަކާއި، ޓެކްސީވޭއާއި، ސަރވިސް މަގުތައް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 9473 އަކަމީޓަރުގެ ޕާކިންގ އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔަރ އެކްސެސް މަގެއްވެސް ހެދުމަށް ހަމަޖެހިފައިވެއެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހޯރަފުށީ ފަޅުންވަނީ 84،2200 އަކަ މީޓަރުގެ ސަރަޙައްދެއް ހިއްކާފައެވެ. ބިން ހިއްކުމުގެ މަސައްކަތް މުޅިން ނިމުނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުއެވެ.

ހޯރަފުށީގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތުގެ %80 އަށްވުރެ ބޮޑު ބައެއް ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. ޖުމްލަ 198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ. ހޯރަފުށްޓަކީ 3000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ