ފުރަތަމަ ދަރަޖަ: ނުވަވަނަ ދުވަހާއި، ދިހަވަނަދުވަސް އަދި އެގާރަވަނަ ދުވަހު ރޯދަހިފުން.
عَنْ ابْنِ عَبَّاسٍ رضي الله عنه قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ((صُومُوا يَوْمَ عَاشُورَاءَ ، وَخَالِفُوا فِيهِ الْيَهُودَ، صُومُوا قَبْلَهُ يَوْمًا أَوْ بَعْدَهُ يَوْمًا)). رواه أحمد 2155
އިބްނު ޢައްބާސް رَضِيَ اللَّهُ عَنْهُمَا ގެ އަރިހުން ރިވާވެގެންވެއެވެ: ރަސޫލޫﷲ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ: “ތިޔަބައިމީހުން ޢާޝޫރާ ދުވަހު ރޯދަހިފާށެވެ. އަދި އެކަމުގައި ޔަހޫދީންނާއި ޚިލާފުވާށެވެ. އެދުވަހުގެ (އެބަހީ ޢާޝޫރާ ދުވަހާއި އެކު އެދުވަހުގެ) ކުރިން އެއްދުވަހު ނުވަތަ އެދުވަހުގެ ފަހުން އެއްދުވަހު ރޯދަހިފާށެވެ.”
އިމާމު އިބުނުލް ޤައްޔިމު رحمه الله ވިދާޅުވެފައިއެވެ. “ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމުގެ ތިން ދަރަޖައެއް ވެއެވެ. އޭގެތެރެއިން އެންމެ ފުރިހަމައީ ޢާޝުރާ ދުވަހާއިއެކު އޭގެ ކުރީދުވަހާއި އަދި ޖެހިގެން އަންނަ ދުވަހު ރޯދަ ހިފުމެވެ. އަދި އަނެއް ދަރަޖައަކީ މުޙައްރަމް މަހުގެ ނުވަވަނަ ދުވަހާއި ޢާޝުރާ ދުވަސް ރޯދަ ހިފުމެވެ. އެއީ މި ކަމާއި ގުޅުންހުރި ގިނަ ހަދީޘްތަކުން އެކަމަށް ދަލީލު ލިބޭތީއެވެ. އަދި އަނެއް ދަރަޖައަކީ މުޙައްރަމް މަހުގެ ދިހަވަނަ ދުވަސް ނުވަތަ ޢާޝޫރާ ދުވަހު އެކަނި ރޯދަ ހިފުމެވެ.”
ދެވަނަ ދަރަޖަ: ނުވަވަނަ ދުވަހާއި، ދިހަވަނަދުވަސް ރޯދަ ހިފުން.
وعن ابن عباس رضي الله عنهما قال : ((حِينَ صَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ عَاشُورَاءَ وَأَمَرَ بِصِيَامِهِ ، قَالُوا : يَا رَسُولَ اللَّهِ ، إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَى ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللَّهُ صُمْنَا الْيَوْمَ التَّاسِعَ . قَالَ : فَلَمْ يَأْتِ الْعَامُ الْمُقْبِلُ حَتَّى تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ )) رواه مسلم 1134
އިބްނު ޢައްބާސް رَضِيَ اللَّهُ عَنْهُمَا ގެ އަރިހުން ރިވާވެގެންވެއެވެ: ރަސޫލޫﷲ صلى الله عليه وسلم ޢާޝޫރާ ދުވަހު ރޯދައަށް ހުންނަވާ އަދި އެދުވަހު ރޯދަހިފުމަށް ޢަމުރުކުރެއްވުމުން އެބައިމީހުން ދެންނެވިއެވެ: އޭ ﷲ ގެ ރަސޫލާ އެވެ، އެދުވަހަކީ އެއީ ޔަހޫދީންނާއި ނަޞާރާއިން މާތްކުރާ ދުވަހެކެވެ. ރަސޫލޫﷲ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ:” މާތް ﷲ އިރާދަކުރެއްވިއްޔާ އަންނަ އަހަރުގައި ނުވަވަނަ ދުވަހު އަހުރެމެން ރޯދަހިފާނީއެވެ. ޢިބްނު ޢައްބާސް رَضِيَ اللَّهُ عَنْهُمَا ވިދާޅުވިއެވެ. ޖެހިގެން އައި އަހަރު އާއިރު ރަސޫލޫﷲ صلى الله عليه وسلم އަވަހާރަވެވަޑައިގެންފިއެވެ.
ތިންވަނަ ދަރަޖަ: ޢާޝުރާ ދުވަހު އެކަނި ރޯދަހިފުން.
އިސްވެ ބަޔާންކުރެވުނު ޙަދީޘްގައިވާ ފަދައިން ނަބިއްޔާ صلى الله عليه وسلم ރޯދައަށް ހުންނެވީ ޢާޝޫރާ ދުވަހުގައި އެކަނިއެވެ.
ދުޢާ އަކީ ﷲ سبحانه وتعالى ޢާޝޫރާ ދުވަހު ރޯދަހިފުމުގެ ހެޔޮތައުފީގު އަޅަމެން އެންމެނަށް މިންވަރު ކޮށްދެއްވުމެވެ.
ނޯޓް: މި އަހުރުގެ މުޙައްރަމް މަހުގެ 9 ވަނަ ދުވަހަކީ މި ހިނގާ އޮގަސްޓް މަހުގެ 28 ވަނަ ދުވަހެވެ. އަދި 10 ވަނަ (ޢާޝޫރާ) ދުވަހަކީ 29 ވަނަ ދުވަހެވެ.