މިއަހަރުގެ ތެރޭގައި މުދައްރިސުންނަށް ލައިސަންސް ދޫކުރަން ފަށާނަން: މިނިސްޓަރ 

ޚަބަރު ފަހުގެ

ތަޢުލީމީ ނިޒާމުގެ ފެންވަރު މަތިކުރުމުގެ ގޮތުން މިއަހަރުގެ ތެރޭގައި މުދައްރިސުންނަށް ލައިސަންސް ދޫކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވާނެކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން މަރުޙަބާ ދަންނަވާ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީ ދެއްވި ޚިތާބުގައި ވަނީ އަލަށް ތަންފީޒުކުރަން ފެށި ތަޢުލީމީ ޤާނޫނާއި ގުޅިގެން ހަދަން ޖެހޭ ހުރިހާ ޤަވާއިދުތަކެއް ހަދާ ނިމިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މި ދިރާސީ އަހަރު އެ ޤަވާއިދުތައް ތަންފީޒުކުރަން ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ދެއްވި ޚިތާބުގައި ވިދާޅުވީ ތަޢުލީމުގެ ޤާނޫނުން ޙަވާލުކުރެވިފައިވާ އެންމެ މުހިއްމު ކަމަކީ ދަރިވަރުންގެ ރައްކާތެރިކަންކަމަށެވެ. އެހެންކަމުން، ދަރިވަރުންނާ ދިމާވާ ހުރިހާ އެންމެން ވެސް، އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ، ދަރިވަރުންގެ ރައްކާތެރިކަމަށްކަމަށާއި އެންމެ ބޮޑަށް އިސްކުރަންވީ ދަރިވަރުންގެ މަޞްލަޙަތުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ތަޢުލީމީ ޤާނޫނުގައި ހުރި ކަންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިއަހަރު އެންމެ އިސްކަމެއްދޭނެ އެއްކަމަކީ ތަޢުލީމީ ނިޒާމުގެ ފެންވަރު މަތިކުރުންކަމަށެވެ. އެކަމަށްޓަކައި އެޅޭ އެންމެ މުހިއްމު އެއް ފިޔަވަޅަކީ މުދައްރިސުންނަށް ކިޔަވައިދިނުމުގެ ލައިސަންސް ދޫކުރުންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިކަމަށްޓަކައި ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް މިހާރު ތައްޔާރުކޮށްފައިވާކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އެކަމުގެ ޢަމަލީ މަސައްކަތްތައް ފަށާނެކަމަށާއި މިކަމުގެ ނަތީޖާއެއްގެ ގޮތުން ، މުދައްރިސްކަމުގެ ތަޢުލީމު ހަރުދަނާވެ، ހުނަރުވެރި އަބުރުވެރި މުދައްރިސުން ކުރިމަގުގައި ލިބި ދަރިވަރުންގެ ފެންވަރު ރަނގަޅުވާނޭކަމަށް ޢުއްމީދުކުރައްވާ ކަމަށްވެސް މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވިއެވެ.

“ޤައުމު ބިނާކުރުމުގައި ތިޔަ މުދައްރިސުން އަދާ ކުރައްވާ ދައުރު ސަރުކާރުން ޝުކުރުވެރިކަމާއެކު ބަލައިގަނޭ. މިކަން ރަމްޒުކޮށްދޭ އެއްކަމަކީ މި ދިޔަ މޭމަހުން ފެށިގެން ތިޔަ ބޭފުޅުންގެ މުސާރައަށް އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ގެނެސްދެއްވި ބޮޑު ކުރިއެރުން. މި ފުރުސަތުގައި ތަޢުލީމީ ނިޒާމްކުރިއަށް ގެންދިއުމުގައި އެ މަނިކުފާނު ދެއްވަވާ އިރުޝާދާއި ބަހައްޓަވާ ސަމާލުކަމަށްޓަކައި ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ފަށްފަށުން ޝުކުރު ދަންނަވަން. އަޅުގަނޑު އެދެނީ މުސާރަ އަށް އައި ހެޔޮ ބަދަލު، ދަރިވަރުންނަށް ކިޔަވައިދެއްވުމުގައި ބަހައްޓަވާ ފަރުވާތެރިކަމުން ފެނިގެން ދިއުން.” މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު އަލީ ވިދާޅުވިއެވެ.

މިނިސްޓަރގެ ޚިތާބުގައި ވިދާޅުވީ ސްކޫލާއި ސްކޫލުން ބޭރުގައި ދަރިވަރުންނާ މުޢާމަލާތްކުރާ މީހުންނަކީ ކޮންބައެއް ކަން ދެނެގަނެ އެއްވެސް މީހެއްގެ ފަރާތުން ދަރިވަރަކަށް ގެއްލުމެއް ވިޔަ ނުދިނުމަށް ސްކޫލުތަކުގެ އެންމެހާ މުވައްޒަފުންނާއި ބެލެނިވެރިން ޚާއްޞަ ސަމާލުކަމެއް ދެއްވަންޖެހޭކަމަށެވެ. އަދި ޓިއުޝަނަށް ދަރިވަރުން ފޮނުވުމުގައާއި ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިކުރާއިރު އެފޮނުވޭ ތަނަކީ އެޑިއުކޭޝަން މިނިސްޓްރީން އާއްމު ކުރެވިފައިވާ ޤަވާއިދުތަކާ އެއްގޮތަށް ހިންގާ ތަންތަންކަން ބެލެނިވެރިން ކަށަވަރުކުރުމަށްވެސް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

މިނިސްޓަރ ވަނީ ކާމިޔާބު ދަރިވަރަކަށް ވުމަށްޓަކައި މި ދިރާސީ އަހަރުގެ ފުރަތަމަ ދުވަހު ދަރިވަރުން ޢަޒުމްތައް ކަނޑައެޅުމަށާއި، ކޮންމެ ކުއްޖެއްވެސް އެކުއްޖެއްގެ މަންޒިލަށް ވާސިލުވާން އެއްވާނެއްގައި މަސައްކަތްކުރުމަށް މިނިސްޓަރވަނީ ނަޞޭހަތްތެރިވެވަޑައިގެންފައެވެ.

” އެކި ކަންކަމަށް އެކި މީހުން ހުނަރުވެރިވުމަކީ، މާތް ރަސްކަލާނގެ ލައްވާފައިވާ ބޮޑު ނިޢުމަތެއް. ތިޔަކުދިންގެ ސަމާލުކަން ހުންނަންވާނީ ހަމައެކަނި ކިޔެވުމަކަށްނޫން. އެހެން މީހުން ތިމާއަށް ކުރާ ޤަދަރާއި އިޙްތިރާމް ބިނާވެފައި އޮންނަނީ، އޭނާގެ ފަރާތުން އޭނާ އުޅޭ ތަނަށް ކުރާ އަސަރަކަށް. އޭނާގެ ފަރާތުން މުޖުތަމަޢަށް ކުރާ ފައިދާއަކަށް. އެހެންކަމުން ކޮންމެ ކުއްޖެއްވެސް އެކުއްޖެއް ދިރިއުޅޭ ރަށަށް، އެކުއްޖެއްގެ އަވަށަށް، އެކުއްޖެއްގެ އާއިލާއަށް އެކުއްޖެއްގެ ވެއްޓަށް މަންފާކުރުވަނިވި ކަމެއްގައި މަޝްޣޫލުވެ އުޅުމަކީ މުހިއްމުކަމެއް. މީގެ އިތުރުން ދިރިއުޅުމަށް ތައްޔާރުވުމަށްޓަކައި ކޮންމެ ކުއްޖެއްވެސް މަދުވެގެން ދެ ޢަމަލީ މަސައްކަތް ދަސްކުރުން މުހިއްމު.” މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު އަލީ ވިދާޅުވިއެވެ.

މި ޚިތާބު ނިންމަވާލައްވަމުން މިނިސްޓަރ ވަނީ ދަރިވަރުންނަށް އުނގަންނާދިނުމުގައާއި ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިންގެ ދައުރު ބޮޑުކަން ފާހަގަކުރައްވާފައެވެ. ދަރިވަރުންގެ އުނގެނުމަށް ވާގިދޭ ކަންތައްތަކަށް އެކުދީިން ހުށަހަޅާ، މަދަރުސާއިންދޭ ތަރުބިއްޔަތު ނަފީކުރާ ހަރަކާތްތަކާއި މަންޒަރުތަކާއި އަޑުތަކުން އެކުދީިން ރައްކާތެރިކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކުދީން ކިޔަވައި، ކުޅެ، ބޮޑުވާނޭ ރައްކާތެރި، އުފާވެރި މާޙައުލެއް ހޯދައިދިނުމަކީ އަޅުގަނޑުމެން އެންމެންގެ ވާޖިބެއްކަން މިނިސްޓަރ ހަނދާންކޮށްދެއްވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ