ބޮޑުވަޒީރު ސަރުކާރު ހިންގާ ގޮތަށް ނަޝީދުގެ އިސްލާހު އާއްމުކުރައްވައިފި

ޚަބަރު ފަހުގެ ސިޔާސީ

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރު ސަރުކާރު ހިންގައި ރައީސުލްޖުމްހޫރިއްޔާ ދައުލަތުގެ އެންމެ އިސް ފަރާތުގެ ގޮތުގައި ހުންނަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންނަވަން އުޅޭ އިސްލާހް އެ މަނިކުފާނު މިއަދު އާއްމުކުރައްވައިފި އެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް، އެމްޑީޕީގެ ތާއީދު ހޯދަން ކޮންގްރެސްއަށް ނަޝީދު ހުށަހަޅުއްވާ ޑްރާފްޓުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ހުންނަވާނީ ރަމްޒީ މަގާމެއްގަ އެވެ. ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތަށް އޮތީ ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ އަދި ވޯޓު ދިން މީހުންގެ 35 ޕަސެންޓަށް ވުރެން މަތީ އަޣުލަބިއްޔަތު ހޯދާ ބޭފުޅެކެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްޑީޕީ އިސްވެ ކޯލިޝަނަކުން އުފެއްދި މި ވެރިކަން ފެށުނީއްސުރެން ވެސް ނިޒާމް ބަދަލުކުރަން ވަކާލާތުކުރައްވަމުން ގެންދަވާ، ނަޝީދުގެ އިސްލާހު ހުށަހަޅުއްވާ ގޮތަށް އޮތީ އަންނަ ހުކުރުދުވަހު ފަށާ އެމްޑީޕީގެ ކޮންގްރެސްގަ އެވެ.

ނަޝީދުގެ އިސްލާހުގައި، ދައުލަތުގެ އެންމެ އިސް ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ކަނޑައަޅައި އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ ބާރުތައް ތަފުސީލްކޮށް ލިއުއްވާފައިވެ އެވެ.

ގަރާރުގައިވާ ގޮތުގައި ބޮޑުވަޒީރު ހިންގާ ގޮތަށް ސަރުކާރު އެކުލަވާލާނީ ރައްޔިތުންގެ މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށް ވުރެން ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީއަކުންނެވެ. އެއްވެސް ޕާޓީއަކަށް އެ އަދަދަށް ގޮނޑި ނުލިބިއްޖެ ނަމަ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރި އިތުރު ޕާޓީއަކާ ނުވަތަ ޕާޓީތަކަކާ ގުޅިގެން ސަރުކާރު އެކުލަވާލުމުގެ ފުރުސަތު އޮންނަ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުން ހިމެނެ އެވެ.

ބޮޑުވަޒީރުކަމަށް އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަކުން ކަނޑައަޅާ ބޭފުޅެއް ކަމުގައި ގާނޫނުއަސާސީގައި ބަޔާންކުރަން ވެސް އެ ގަރާރުގައިވެ އެވެ.

ގާނޫނުއަސާސީގައި ބަޔާންކުރަން ހުށަހެޅުއްވި ރައީސްގެ ބާރުތައް

  • ރައީސުލްޖުމްހޫރިއްޔާއަކީ ސިފައިންގެ އެންމެ މަތީވެރިޔާ
  • ހަނގުރާމަ ނުވަތަ ސުލްހަ އިއުލާންކުރުން
  • ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުން
  • ސަފީރުން އައްޔަންކުރުން
  • ސަފީރުންގެ ފަތްކޮޅު ބަލައިގަތުން
  • ކޮމިޝަންތަކާއި މަގާމްތަކަށް މީހުން އައްޔަންކުރަން މަޖިލީހަށް ފޮނުވުން
  • ތަހުގީގީ ކޮމިޝަންތައް އުފެއްދުން
  • ގައުމީ މުހިއްމު މައްސަލަތަކުގައި ރައްޔިތުންގެ ވޯޓު ނެގުން
  • ގައުމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ކަނޑައެޅުން
  • އިނާމާއި ޝަރަފާއި ލަގަބާއި މެޑަލް ދިނުން
  • ޖިނާއީ ކުށްތަކުގައި ހުކުމްކޮށްފައިވާ ފަރާތްތަކަށް މާފްކޮށްދިނުމާއި އަދަބު ލުއިކޮށްދިނުން
  • ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދައުލަތް ހިންގުމަށް ނުކުޅެދޭ ފަދަ ކަމެއް މެދުވެރިވުން ފަދަ ގާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކުރާ ހާލަތްތަކުގައި ރައްޔިތުންގެ މަޖިލިސް އުވާލުން.

ސަރުކާރު އެކުލަވާލަން ހުށަހަޅުއްވާ ގޮތް

  • ބޮޑުވަޒީރު ކަމަށް އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަކުން ކަނޑައަޅާ ބޭފުޅެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކުރުން.
  • ވަޒީރުންގެ މަޖިލިސް އެކުލާވަލާނީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މެމްބަރުންގެ ތެރެއިންކަން ގާނޫނުއަސާސީގައި ބަޔާންކުރުން.
  • ސަރުކާރު އެކުލަވާލައި އިއުލާންކުރުމަށް ކަނޑައަޅާ މުއްދަތު ގާނޫނުއަސާސީގައި ބަޔާންކުރުން.
  • ސަރުކާރު އެކުލަވާލައި އިއުލާންކުރުމަށް ކަނޑައަޅާ މުއްދަތުގެ ތެރޭގައި ސަރުކާރު އެކުލަވާ ނުލެވިއްޖެ މަޖިލިސް އުވާލިކަން ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރަންވާނޭ ކަމާއި އާ އިންތިހާބަކަށް ދާން ޖެހޭނޭކަން ގާނޫނުއަސާސީގައި ބަޔާންކުރުން.

ނަޝީދުގެ ގަރާރުގައި މަޖިލިސް އެކުލެވިގެންވާ ގޮތާއި އަދުލު އިންސާފުގެ ދާއިރާއަށް ހުށަހަޅާ ބަދަލުތައް ވެސް ހިމަނުއްވާފައިވެ އެވެ.

އެ ގަރާރުގައި އޮތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނުއަސާސީގައި ކަނޑަައަޅާ ގޮތަށް އިސްލާހުކުރުމަށެވެ. މީގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރަން ވެސް ހުށަހަޅުއްވާފައިވެ އެވެ.

ބަރުލަމާނީ ނިޒާމަކަށް ބަދަލުވާން ގާނޫނުއަސާސީ އިސްލާހު ގެނައުމާ މެދު އެމްޑީޕީގެ ތާއީދު ހޯދަން ނަޝީދު ގަރާރު ހުށަހަޅުއްވާ އިރު، މިއީ ޕާޓީ ތެރޭގައި ވެސް ހިޔާލުތަފާތުވުން ބޮޑުވެފައި އޮތް މައްސަލައެކެވެ. ނަޝީދުގެ ފެކްޝަނުން ބަރުލަމާނީ ގެންނަން ބޭނުންވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަޅިން ބޭނުންވަނީ ރިޔާސީ ނިޒާމުގައި ދެ ވަނަ ދައުރެއް ކުރިއަށް ގެންދިއުމަށެވެ.

ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން މިހާތަނަށް ރައީސް ސޯލިހްގެ ތާއީދު އޮތް ކަން ހާމަކުރައްވާފައެއް ނުވެ އެވެ. އެމަނިކުފާނު ވިދާޅުވަމުން އަންނަނީ ވެރިކަމުގެ ނިޒާމު ރައްޔިތުން އޮތީ ނިންމާފައި ކަމަށާއި އެކަން ބަދަލުކުރެވޭނީ ވެސް ރައްޔިތުންނަށް ކަަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ