4 އެއާޕޯޓަކަށް އެކްސްރޭ މެޝިން ފޮނުވައިފި

ޚަބަރު ފަހުގެ

އެއަރޕޯޓުތަކުގެ ޗެކިން ކުރުމުގައި ހުރި ދަތިކަން ހައްލުކުރުމަށް އެއަރޕޯޓްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ރީޖަނަލް އެއަރޕޯޓްސްއިން ފަށާ، ލަގެޖް އެކްސްރޭ މެޝިންތައް 4 އެއަރޕޯޓަކަށް ފޮނުވައިފިއެވެ.

އަތޮޅުތަކުގެ އެއަރޕޯޓްތަކުގެ ތެރެއިން 6 އެއަރޕޯޓެއް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްގެންދަނީ ރީޖަނަލް އެއަރޕޯޓްސްގެ ބެލުމުގެދަށުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އަތޮޅުތަކުގެ އެއަރޕޯޓްތަކުގެ ޚިދުމަތުގެ ދަތިކަމުގެ ވާހަކައަކީ އާއްމުންގެ ބޮޑު ޝަކުވާއެއް ހިމެނޭ ކަންކަމެވެ. އެގޮތުން އާއްމުކޮށް ދިމާވާ އެއް މައްސަލައަކީ އެއަރޕޯޓްތަކުގައި ލަގެޖް ސްކޭން ކުރެވޭނެ ގޮތެއް ނެތުމެވެ. މެޝިންތައް ހުރި ނަމަވެސް، މެޝިންތައް މައްސަލަޖެހި، ލަގެޖް ހުޅުވައިގެން ޗެކިން ކުރަން ޖެހުމުގެ ޝަކުވާ ބޮޑެވެ. މިއީ އަތޮޅުތަކުގެ ގިނަ އެއަރޕޯޓްތަކުގައި ވަރަށް އާއްމުކޮށް ދިމާވާ މައްސަލައެކެވެ.

މި މައްސަލަ ޙައްލުކޮށް، މިހާރު ހުރި އެކްސްރޭ މެޝިންތައް މަރާމާތުކުރުމާއި އަދި އާ އެކްސްރޭ މެޝިންތައް ފޮނުވުމުގެ މަސައްކަތް ރީޖަނަލް އެއަރޕޯޓްސްއިން މި ވަނީ ފަށާފައެވެ.

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވީ އެއަރޕޯޓްތަކުގައި މިހާރު އާއްމުކޮށް ބޭނުންކުރަނީ އެންމެ އެކްސްރޭ މެޝިނެއްކަމަށެވެ. މެޝިނަކަށް މައްސަލައެއް ޖެހިއްޖެނަމަ ޗެކިން ކުރުމުގައި ބޮޑެތި ދަތިތައް، މުވައްޒަފުންނަށާއި ޚިދުމަތް ހޯދާ ފަރާތްތަކަށްވެސް ކުރިމަތިވާކަމަށެވެ. އަދި ބެކަޕް މެޝިނެއް ނެތުމުގެ ސަބަބުން ޚިދުމަތްތައް މެނުއަލްކޮށް ދޭން މަޖުބޫރުވާކަމަށެވެ.

މިކަން ޙައްލުކުރުމަށް ކުންފުނިން ކުރަމުންދާ މަސައްކަތުގައި 4 އެއަރޕޯޓަކަށް އިތުރު ލަގެޖް އެކްސްރޭ މެޝިން މިހާރު ފޮނުވާފައިވާކަމަށް ރިޒްވީ ވިދާޅުވިއެވެ. އަދި އެ މެޝިންތައް އިންސްޓޯލްކޮށް، މިމަސް ނިމުމުގެ ކުރިން ބޭނުން ކުރަން ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ. އެކްސްރޭ މެޝިން ފޮނުވާފައިވަނީ ކުޅުދުއްފުށި އެއަރޕޯޓް، ފުނަދޫ އެއަރޕޯޓް، މާވަރުލު އެއަރޕޯޓް އަދި ފުވައްމުލައް އެއަރޕޯޓަށެވެ.

އެއަރޕޯޓްތަކަކީ އާއްމުންނަށް ލުއިފަސޭހަ، ވަސީލަތްތައް ހަމަ ޚިދުމަތަކަށް ހެދުމަށް އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން ބައެއް އެއަރޕޯޓްތަކުގައި ނެވިގޭޝަން ލައިޓް ހަރުކޮށް، އެ އެއަރޕޯޓްތަކަށް ރޭގަނޑު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ. އަދި އެއަރޕޯޓްތަކުގައި ފަސޭހަކަމާއެކު މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، ކާބޯތަކެތީގެ ޚިދުމަތާއި، ފިހާރައާއި ހަޓްތައް ހެދުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ