ހަނިމާދޫ ސްކޫލްގެ 9 އަދި 10 ދަރިވަރުންނަށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ކެރިއާ ގައިޑެންސް ޕްރޮގުރާމެއް ކުރިޔަށް ގެންގޮސްފިއެވެ.
މި ހަރަކާތަކީ ދަ އޭޝިއާ ފައުންޑޭޝަން – މޯލްޑިވްސް ސީއެސްއޯ ސްޓްރެންތެނިންގ ޕްރޮޖެކްޓްގެ ދަށުން ހަނިމާދޫގައި ހިންގުނު 4 ވަނަ ހަރަކާތެވެ.
ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގެ ޓްރެއިން ކުލާސްގައި ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްދިޔަ މި ހަރަކާތް ފަށާފައިވަނީ ހުކުރު ދުވަހު މެންދުރު 14:00 ގައެވެ. އެޝެސަންގައި ހަނިމާދޫ ސްކޫލް 10 ބީ އަދި 10 ސީ ގެ 17 ދަރިވަރުން ބައިވެރި ވެފައިވެއެވެ. އެރޭ ދެވަނަ ދަންފަޅިއެއް ކުރިޔަށް ގެންދެވިފައިވާއިރު، އެދަންފަޅީގައި 10 އޭ ގެ 19 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. ހޮނިހިރު ދުވަހު ހެނދުނު ދަންފަޅީގައި 9 އޭ އަދި 9 ސީ ގެ 17 ދަރިވަރުން ބައިވެރި ވެފައިވެއެވެ. އެދުވަހުގެ މެންދުރު ދަންފަޅީގައި 9ބީ ގެ 12 ދަރިވަރުން ބައިވެރި ވެފައިވެއެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ބުނީ މި ކެރިއާ ގައިޑެންސް ޕުރޮގުރާމް ކުރިއަށް ގެންގޮސްދެއްވީ ހދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލް އަލީ އިސްމާއިލް ކަމަށެވެ. އެނާ އަކީ މިފަދަ ގިނަ ޕުރޮގުރާމުތަކެއް ކުރިޔަށް ގެންގޮސްފައިވާ ތަޖުރިބާކާރެކެވެ.
” އަޅުގަޑުމެން މި ޕުރޮގުރާމުގެ ދަށުން މަތީ ތަޢުލީމަށް އަހުލުވެރިކުރުމުގެ ގޮތުން ހަނިމާދޫ ސްކޫލު ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ވެސް ތައްޔާރުވިން، ނަމަވެސް އެކަން ރާވަން ގަސްދުކުރި ހޯލް ނުލިބުމުން އެހަރަކާތް ލަސްކޮލާފަ މިވަގުތަށް އެއިނީ” ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އޮފިޝަލެއް ވިދާޅުވިއެވެ.
އޭޝިއާ ފައުންޑޭޝަންގެ އެހީތެރިކަމާއެކު އެ ޖަމިއްޔާއިން ހިންގާ މި ހަރަކާތްތަކުގެ ތެރެއިން ފިޔަވަހި 2 ގައި މިދިޔަ ޖުލައި މަހު ވަނީ ފަށާ ތަޢުލީމަށް ޚާއްޞަ ފޯރަމެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ޖޫން މަހު ވަނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއި އެންލައިޓިން އަ މައިންޑްފުލް ކޮމިއުނިޓީ (އީ.އެމް.ސީ) ގުޅިގެން ”އަމިއްލަ ނަފްސަށް އިތުބާރު ކުރުން” މި މައުޟޫއުގެ ދަށުން ވޯކްޝޮޕެއް ވެސް ކުރިއަށް ގެންގޮސްފައެވެ.