ކުރީ ސަރުކާރުން ތައުލީމީ ދާއިރާއަށް ހިންގި މަޝްރޫއުތަކަށްވުރެ މި ސަރުކާރުން ހިންގި މަޝްތޫއުތައް އެތައް ގުނައެއް އިތުރު ކަމަށް އެޑިޔުކޭޝަން މިނިސްޓަރު އައިޝަރު އަލީ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ކޮންގްރެސް ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާ ކުރިއަރުވަން އެންމެ ބޮޑު ހަރަދެއް ކުރި ސަރުކާރަކީ މި ސަރުކާރު ކަމަށެވެ. އަދި މިއީ ތައުލީމީ ދާއިރާއަށް އެންމެ ގިނަ މަޝްރޫއުތައް ހިންގި ސަރުކާރު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން ރައީސް ޔާމީންގެ 5 އަހަރުގެ ދައުރުގައި މުޅި ރާއްޖޭގައި ތަރައްޤީ ކޮށްފައިވަނީ 135 ކުލާސްރޫމާއި 15 މަލްޓިޕާޕަސް ހޯލް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް މި ސަރުކާރުގެ ފުރަތަމަ 4 އަހަރުވެސް އެ ޢަދަދު އެތައް ގުނައަކުން އިތުރުކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
“ރައީސް ޞާލިޙްގެ 4 އަހަރުގެ ތެރޭގައި 1280 ކުލާސް ރޫމާއި 81 މަލްޓިޕާޕަސް ހޯލް ތަރައްޤީކޮށް ނިންމައިފިން.” ޑރ. ޢައިޝަތު ޢަލީ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން މިހާރުވެސް ތަޢުލީމީ ދާއިރާއާއި ގުޅުންހުރި 338 މަޝްރޫއު ކުރިއަށް ގެންދާ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ޕީއެސްއައިޕީގެ ބަޖެޓުން ތަޢުލީމީ ދާއިރާގެ މަޝްރޫއުތަކަށް ޖުމްލަ ހަރަދުކޮށްފައި ވަނީ 941.6 މިލިއަން ރުފިޔާ ކަމަށާއި މި ސަރުކާރުން މިވީ ހަތަރު އަހަރު ތެރޭގައި 1316.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރ މިއަދު ވިދާޅުވީ ސަރުކާރުގެ އެއްދަންފަޅިއަށް ކިޔަވައިދިނުމުގެ ވައުދު ފުއްދުމަށްޓަކައި 155 ސްކޫލެއްގައި އެނިޒާމު ހިންގަން ފެށިފައިވާ ކަމަށެވެ. ހަމަ އެއާއެކު 216 މަޝްރޫޢެއް ބަޖެޓުކޮށްފައިވާއިރު 44 މަޝްރޫއެއް މިހާރު ނިމިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އޭގެ އިތުރުން މި ސަރުކާރުން ތަޢާރަފުކޮށްފައިވާ މެޓަރނިޓީ ލީވް 2847 މުވައްޒަފުންނަށް ދީފައިވާ ކަމަށާއި 1142 މުވައްޒަފުންނަށް ޕެޓަރނިޓީ ލީވް ދީފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން މުދައްރިސުންގެ މުސާރަ ބޮޑުކޮށް މިނިމަމް ވޭޖުވެސް މިހާރު ތަޢާރަފު ކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.