ސްޕެނިޝް ލަލީގާގައި ޗެމްޕިއަން ރެއާލް މެޑްރިޑް ދެވަނަ މެޗުންވެސް މޮޅުވެ އެއްވަނާގައި ދެމި އޮވެއްޖެއެވެ.
ރެއާލްގެ ދެވަނަ މެޗުގައި ސެލްތަވީގޯއާ ވާދަކޮށް މެޗު ކާމިޔާބުކުރީ 4-1 ނެވެ. ފުރަތަމަ ލަނޑުޖަހާ ރެއާލްއިން ކުރި ހޯދީ ޕެނަލްޓީއަކުންނެވެ. ބެންޒިމާ ކާމިޔާބުކުރި ޕެނަލްޓީއަށްވީ އަށް މިނިޓެވެ. ސެލްޓަވީގޯއަށް ލިބުނު ޕެނަލްޓީއަކުން އިއާގޯ އަސްޕަސް ނަތީޖާ ހަމަހަމަކޮށްދިނެވެ. ދެޓީމަށްވެސް ޕެނަލްޓީ ދިނީ އޭރިޔާ ތެރެއިން ކުޅުންތެރިއަކު އަތުގައި ބޯޅަ ޖެހުމުންނެވެ. ރެއާލްއަށް ދެވަނަ ފަހަރަށް ކުރި ހޯދައިދިނީ މިޑްފީލްޑަރ ލުކަ މޮޑްރިޗްއެވެ. އަލަބާ ދިން ޕާސް މޮޑްރިޗް ގޯލްގެ ކަނަށް ފޮނުވާލީ 25 ޔާޑުންނެވެ. ލަނޑަށްފަހު 36 އަހަރުގެ މޮޑްރިޗް ވަނީ ރެއާލްގެ ތިންވަނަ ލަނޑު ޖަހަން ވިނީޝިއުސް ޖޫނިއަރއަށް ފުރުޞަތު ތަނަވަސްކޮށްދީފައެވެ. ރެއާލްގެ ހަތަރުވަނަ ލަނޑު ޖެހީ ފެޑެރީކޯ ވަލްވާޑޭއެވެ. ފަސްވަނަ ލަނޑެއް ޖަހަންވެސް ރެއާލްއަށް ފުރުޞަތު ލިބުނެވެ. މެޗުގެ ފަހުކޮޅު ލިބުނު ޕެނަލްޓީ ހަޒާޑް ފޮނުވާލުމުން ކީޕަރު މަތަކުރީއެވެ. ހަޒާޑް ކުޅެން ނުކުތީ 83 ވަނަ މިނެޓުގައި ވިނީޝިއުސް ޖޫނިއަރގެ ބަދަލުގައެވެ. ލަލީގާގައި ކުޅުނު 50 މެޗުން ހަޒާޑަށް ޖެހުނީ އެންމެ ހަތަރު ގޯލެވެ.
މިއީ ރެއާލްގެ ބްރެޒިލް މިޑްފީލްޑަރ ކަސެމީރީ ކްލަބް ދޫކޮށްލަން ނިންމިފަހުން ރެއާލް ކުޅުނު ފުރަތަމަ މެޗެވެ. މެޗަށް ރެއާލްގެ މެދުތެރެއިން ކޯޗު އެންޗެލޮޓީ ފުރުޞަތު ދިނީ މޮޑްރިޗްގެ އިތުރުން ކަމަވިންގާއާއި، އައުރެލިން ޗުއަމެނީއެވެ. ރެއާލް އޮތީ ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކު އެއްވަނާގައެވެ.