​ފަހު ވަގުތު ފުލްހަމް ބްރެންޓްފޯޑް ބަލިކޮށްފި

ކުޅިވަރު ފަހުގެ

​އިނގިރޭސި ޕްރިމިއަރ ލީގުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު 3-2 ގެ ނަތީޖާއިން ފަހު ވަގުތު ފުލްހަމް ވަނީ ކާމިޔާބުކޮށްފިއެވެ.

ފުލްހަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ފުލްހަމް އިންނެވެ. ފުރަތަމަ މިނެޓުގައި ފުލްހަމަށް ލީޑު ނަގައިދިނީ ބޮބީ ރެއިޑްއެވެ. އޭގެ ފަހުން 19 ވަނަ މިނެޓުގައި ފުލްހަމުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އެއީ ޕެރެއިރާގެ އެހީތެރިކަމާއެކު ޕަލީނިއާ ޖަހައިދިން ލަނޑެކެވެ.

އިޝްތިހާރު
އިޝްތިހާރު

ދެ ލަނޑުގެ ލީޑެއްގައި އޮވެ ފުލްހަމުން ކުޅެމުން ދަނިކޮށް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރެންޓްފޯޑުން ވަނީ ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ޖެންސެން ދިން ބޯޅައަކުން މި ލަނޑު ޖެހީ ނޮގާޑްއެވެ. ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ބްރެންޓްފޯޑުގެ އީވާން ޓޮނޭ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ނަމަވެސް ވިއޭއާރުން ނިންމީ އެ ލަނޑު ބަލައި ނުގަތުމަށެވެ.

އޭގެ ފަހުން މެޗުގެ 71 ވަނަ މިނެޓުގައި ޓޮނޭ ވަނީ އިތުރު ލަނޑެއް ޖަހައި ބްރެންޓްފޯޑަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ފުލްހަމް މޮޅުވި ލަނޑު މިޓްރޮވިޗް ޖެހީ 90 ވަނަ މިނެޓުގައެވެ.

ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ފުލްހަމް އޮތީ ތާވަލްގެ ހަތަރު ވަނަ މަގާމުގައެވެ. ބްރެންޓްފޯޑު އޮތީ ހަތަރު ޕޮއިންޓާއެކު ފަސް ވަނަ މަގާމުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ