ލެވަންޑޯސްކީގެ ދެ ލަނޑާއެކު ބާސެލޯނާއިން ސޮސިއެޑާޑް ބަލިކޮށްފި

ކުޅިވަރު ފަހުގެ

ސްޕެނިޝް ލީގުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު ފުޓުބޯޅަ މެޗު ބާސެލޯނާއިން ކާމިޔާބުކޮށްފިއެވެ.

ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 4-1 އިންނެވެ. މިއީ އައު ސީޒަނުގެ ލީގުގައި ބާސެލޯނާއިން ކުޅުނު ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުގައި އެ ޓީމަށް ޖެހުނީ ޕޮއިންޓަކުން ފުއްދާލަންށެވެ.

އިޝްތިހާރު
އިޝްތިހާރު

Advertisement

ދެ ވަނަ މެޗަށް ނިކުމެ ބާސެލޯނާ މޮޅުވީއިރު، ބަޔާން މިއުނިކް ދޫކޮށް ބާސެލޯނާއަށް ބަދަލުވި ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ވަނީ ދެ ލަނޑު ޖަހާފައެވެ. ބާސެލޯނާގެ ފުރަތަމަ ލަނޑު މެޗުގެ އެއް ވަނަ މިނެޓުގައި ޖެހީ ލެވަންޑޯސްކީއެވެ. މިއީ އޭނާ ބާސެލޯނާއަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. އޭގެ ފަސް މިނެޓު ފަހުން އަލެކްސެންޑާ އިސާކް ވަނީ ސޮސިއެޑާޑަށް ލަނޑެއް ޖަހައިދީ، އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ބާސެލޯނާގެ އަނެއް ތިން ލަނޑު އެ ޓީމުން ޖެހީ މެޗުގެ ދެ ވަނަ ހާފުގައެވެ. މެޗުގެ 66 ވަނަ މިނެޓުގައި އަންސޫ ފާޓީ ދިން ބޯޅައަކުން ބާސެލޯނާއަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ އޮސްމާން ޑެމްބެލޭއެވެ. އޭގެ ދެ މިނެޓު ފަހުން ފާޓީގެ އެހީތެރިކަމާއެކު ލެވަންޑޯސްކީ ވަނީ ބާސެލޯނާގެ ތިން ވަނަ ލަނޑު ޖަހާފައެވެ. ބާސެލޯނާގެ ފަހު ލަނޑު މެޗުގެ 79 މިނެޓުގައި ޖެހީ ފާޓީއެވެ.

މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޖުމުލަ ހަތަރު ޕޮއިންޓު ހޯދައިގެން ބާސެލޯނާއިން ވަނީ ލީގު ތާވަލްގެ ފަސް ވަނަ މަގާމަށް ޖެހިލައިފައެވެ. އެއް ވަނައިގައި ހަ ޕޮއިންޓާއެކު ވިލަރެއާލް އޮތް އިރު، ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ވެސް ލިބެނީ ހަ ޕޮއިންޓެވެ. ނަމަވެސް ވިލަރެއާލަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ތިން ވަނަ މަގާމުގައި އޮތް ރެއާލް ބެޓިސް އާއި ހަތަރު ވަނަ މަގާމުގައި އޮތް އޮސަސޫނާ އަށް ވެސް ލިބެނީ ހަ ޕޮއިންޓެވެ.

ލީިގުގައި ދެން ބާސެލޯނާއަށް އޮތީ މި މަހުގެ 28 ގައި ރެއާލް ވަޔަޑޮލިޑާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުގެ ކުރިން މި މަހުގެ 25 ވަނަ ދުވަހު އެކުވެރިކަމުގެ މެޗެއްގައި ބާސެލޯނާއިން މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ނިކުންނާނެއެވެ.​

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ