އެކައުންޓްގެ މައުލޫމާތު އަޕްޑޭޓް ކުރުމަށް ނުވަތަ އިންޓަނެޓް ބޭންކިން އަށް ލޮގިންވުމަށް އެދި ފޮނުވާ ވެބްސައިޓް ލިންކްތަކާމެދު ސަމާލުވުމަށް ބެންކު އޮފް މޯލްޑިވްސް އިން އިލްތިމާސް ކޮށްފި އެވެ.
އެފަދަ މެސެޖްތައް އައުން އިތުރުވެފައިވަނިކޮށް ސަމާލުވުމަށް އެދި ބެންކުން އާންމު ކުރި މެސެޖެއްގައި ބުނެފައިވަނީ އިންޓަނެޓް ބޭންކިން އަށް ލޮގިންވުމަށް ނުވަތަ އަޕްޑޭޓް ކުރުމަށް އެއްވެސް ލިންކެއް ބޭންކުން ނުފޮނުވާނެ ކަމަށެވެ.
“ލިންކްތަކަށް ނުފިތާ! އެކައުންޓްގެ މައުލޫމާތު އަޕްޑޭޓް ކުރުމަށް ނުވަތަ އިންޓަރނެޓް ބޭންކިންގ އަށް ލޮގިންވުމަށް އެދި ފޮނުވާ ވެބްސައިޓް ލިންކްތަކާމެދު ސަމާލުވޭ! އިންޓަރނެޓް ބޭންކިންގ އަށް ލޮގިންވުމަށް ނުވަތަ އަޕްޑޭޓްކުރުމަށް އެއްވެސް ލިންކެއް ބޭންކުން ނުފޮނުވާނެ” ބެންކުގެ މެސެޖްގައި ވެއެވެ.
އޮޅުވާލައިގެން ފައިސާ ހޯދުމުގެ ކަންކަން ދަނީ އިތުރުވަމުންނެވެ. ހީލަތްތެރި އެކި އުކުޅުތައް ބޭނުން ކޮށްގެން މީހުންގެ އަތުން ފައިސާ ފޭރުމުގެ އަމަލުތައް ދަނީ ހިންގަމުންނެވެ. އެ ގޮތުން ފޯނުތަކަށް މެސެޖްތައް ފޮނުވާ އެ މެސެޖްތަކަށް ފިއްތާލުން އެ މީހުންގެ ޒާތީ މައުލޫމާތު ހޯދައެވެ. މީގެ އިތުރުން ފްލެޓް ލިބުމަށް ކަމަށް ފޭކް ކޯލުތައް ގުޅާ ވަކި އަދަދަކަށް ފައިސާ ޖަމާކުރަން ބުނާ މައްސަލަތަކާއި ޕްރޮމޯޝަނަކުން އިނާމެއް ލިބުނު ކަމަށް ބުނެ ފައިސާ ފޮނުވަން އެދުން ފަދަ ކަންކަން ދަނީ ހިނގަމުންނެވެ.