ބޭންކް އޮފް މޯލްޑިވްސް އިން ފިއްލަދޫ އާއި ވަށަފަރު ގައި އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.
ފިއްލަދޫ އަދި ވަށަފަރުގައި މިއަދު ހުޅުވުނު ދެ އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ ހިދުމަތް ލިބޭނެ އެވެ. އަދި ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗަރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ ބޭންކިންގ ވިއުގަ ފުޅާކުރުމަށާއި ބޭންކިންގ ހިދުމަތްތައް ފަސޭހަކާއެކު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން ފިއްލަދޫ އަދި ވަށަފަރުގައި ރައްޔިތުންނަށް އެހީތެރިވެދެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ.
އަދި އަލަށް މި ހުޅުވުނު އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް މިދެރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަސޭހަކާއެކު ބޭންކިންގ ހިދުމަތް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 82 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 140 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް ބީއެމްއެލްއިން ފޯރުކޮށްދެ އެވެ.
ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން މައުލޫމާތުދެ އެވެ.