ރެއާލް ވަޔަޑޮލިޑާއާއި ދެކޮޅަށް ކުޅުނު މެޗްއިން ​ބާސާ މޮޅުވި އިރު ލެވަންޑޯސްކީ ވިދާލައިފި

ކުޅިވަރު ފަހުގެ

​ސްޕެނިޝް ލީގުގައި ބާސެލޯނާއިން ރެއާލް ވަޔަޑޮލިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ޕޮލެންޑު ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ވިދާލައިފިއެވެ.

ލީގުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 4-0 އިންނެވެ. މެޗުގައި ލެވަންޑޯސްކީ ދެ ލަނޑު ޖެހިއިރު، އެ ޓީމުގެ އަނެއް ދެ ލަނޑު ޖެހީ ޒުވާން މިޑްފީލްޑަރު ޕެޑްރީ އާއި ސާޖީ ރޮބާޓޯއެވެ. މި މެޗުގައި ބާސެލޯނާއިން ވަނީ އެ ޓީމުގެ ޑިފެންޑަރު ޖޫލްސް ކުންޑޭ ފުރަތަމަ 11 ގައި ހިމަނާފައެވެ. ބާސެލޯނާއަށް ބަދަލުވި ފަހުން ރަޖިސްޓްރީވުމުގައި ދަތިތަކާ ދިމާވެ، ލީގުގައި ކުރިން ކުޅުނު މެޗުތަކުގައި ކޫންޑޭއަށް ކުޅެވޭ ގޮތެއް ނުވެ އޮއްވާ، އެ ޓީމަށް އޭނާ ރަޖިސްޓްރީ ކުރެވުނީ ހޮނިހިރު ދުވަހުއެވެ.

އިޝްތިހާރު
އިޝްތިހާރު

ބާސެލޯނާގެ ފުރަތަމަ ލަނޑު މެޗުގެ 24 ވަނަ މިނެޓުގައި ލެވަންޑޯސްކީ ޖެހީ ރަފީނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާއިން ވަނީ ދެ ވަނަ ލަނޑެއް ވެސް ޖަހާފައެވެ. އެއީ އޮސްމާން ޑެމްބެލޭގެ އެހީތެރިކަމާއެކު ޕެޑްރީ ޖެހި ލަނޑެވެ. ބާސެލޯނާއިން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑެއްގައި އޮވެއެވެ.

ދެ ވަނަ ހާފު ފަށައިގެން ވެސް ބާސެލޯނާއިން ވަނީ އިތުރު ލަނޑެއް ޖެހުމަށް މަސައްކަތްކޮށްފައެވެ. މެޗުގެ 65 ވަނަ މިނެޓުގައި ބާސެލޯނާގެ ތިން ވަނަ ލަނޑު ލެވަންޑޯސްކީ ޖެހީ ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ދެ މިނެޓުގެ ތެރޭގައި ބާސެލޯނާގެ ފަހު ލަނޑު ޖެހީ ސާޖީ ރޮބާޓޯއެވެ.

ލީގުގައި ލެވަންޑޯސްކީ ވަނީ މިހާތަނަށް ބާސެލޯނާއަށް ހަތަރު ލަނޑު ޖަހައިދީފައެވެ. ލީގުގައި ބާސެލޯނާއިން ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ލެވަންޑޯސްކީ ވަނީ ދެ ލަނޑު ޖަހާފައެެވެ. މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޖުމުލަ ހަތް ޕޮއިންޓް ހޯދައިގެން ބާސެލޯނާ އޮތީ ލީގު ތާވަލްގެ ދެ ވަނަ މަގާމުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ