ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ފަސް މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ މި ތަކެތ އަތުލައިގަތީ ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތަކެއް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އެގޮތުން ބަލައިފާސްކޮށްފައިވަނީ ޖަރުމަނުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެކެވެ. އެ ޕެކޭޖުގެ ތެރެއިން މަސްތުވާތަކެއްޗަށް ޝައްކު ކުރެވޭ ތަކެތި ހުރި ހަތަރު ޕެކެޓް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
މި ހަތަރު ޕެކެޓްގެ ތެރެއިން ދެ ޕެކެޓްގައި ހުރި ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެޓަމިން އަށް ޕޮޒިޓިވް ވެފައިވާއިރު އަނެއް ދެ ޕެކެޓުގައި ހުރި ތަކެތި ކޮކެއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ހާމަކުރެ އެވެ.
މި މައްސަލާގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1.6 ކިލޯގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ހާމަކުރެ އެވެ. މި ތަކެތީގެ މަގުމަތީ އަގު ފަސް މިލިއަން ރުފިޔާ އަށް އަރާއިރު ކަސްޓަމްސް އިން ވަނީ މި ތަކެތި ފުލުހުންނާއި މިހާރު ހަވާލުކޮށްފަ އެވެ.