ގައިދީން ތިބީ ޑްރަގާއި ހަރުކަށި ފިކުރުގެ އޮއިވަރެއްގައި ޖެހިފައި

ޚަބަރު ފަހުގެ

ޖަލުގައި ތިބި ގައިދީން މިއަދު ތިބީ ޑްރަގާއި ހަރުކަށި ފިކުރުގެ އޮއިވަރެއްގައި ޖެހިފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 51 ވަނަ އަހަރީ ދުވަހުގެ ޚާއްޞަ ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޖަލުގެ ހާލަތު ދެނެގަތުމަށް ދާދިފަހުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ދިރާސާ އިން ޤައިދީން މިއަދު ތިބީ ވަރަށް ނުރައްކާތެރި ދެ އޮއިވަރެއްގައި ޖެހިފައިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން އެއް ކަމަކީ، މަސްތުވާތަކެތި ބޭނުންކުރާ އަދި އޭގެ ވިޔަފާރިކުރާ ޤައިދީންގެ ނުފޫޒު އަދި އަނެއް ކަމަކީ ދީނީ ހަރުކަށި ފިކުރުގައި ޤައިދީން ޖައްސައިގެން ތަފާތު ކުށްތަކަށް އަހުލުވެރިކުރުމުގެ ނުބައި އޮއިވަރު ކަމަށް ރައީސް ވިދާޅުވި އެވެ. މިއީ ޖަލުތަކުގެ އިތުރުން މުޅި މުޖުތަމަޢުގެ ތެރޭގައި މޫލައި ފެތުރެމުންދާ ނުރައްކާތެރި ދެ މައްސަލަ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދީނީ ހަރުކަށި ފިކުރުގެ އެންމެން ޖަލުގައި ހައްޔަރުކުރުމުން، މައްސަލަ އަދި ހައްލު ނުވާނެ ކަމަށާއި އެފަދަ ޤައިދީންނަށްވެސް، އެކަމާ ގުޅުންހުރި ތަރުބަވީ ޕްރޮގްރާމްތަކެއް ހިންގަންޖެހޭ ކަމަށެވެ. އެގޮތުން އެކަމަށްޓަކައި، 100 މީހުންގެ ޖާގައިގެ ޚާއްޞަ ޔުނިޓެއް މާފުށީ ޖަލުގައި ޤާއިމުކޮށް، އެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ކަރެކްޝަނަލް ސަރވިސްގެ ހަމައެކަނި ޒިންމާއަކީ، މީހެއްގެ މައްޗަށް އިއްވާ ޙުކުމެއް ތަންފީޒު ކުރުމަށް ޖަލުގައި ހައްޔަރުކޮށްފައި ބެހެއްޓުން ނޫން ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ކުށްވެރިން ކިތަންމެ ވަރަކަށް ޖަލަށްލިޔަސް، މުޖުތަމަޢުގައި ޞުލްޙަމަސަލަސްކަން ހިފެހެއްޓޭނީ، އެމީހުން އަނބުރާ މުޖުތަމަޢަށް ނެރޭއިރު، އެމީހުން އިޞްލާޙުގެ މަގަށް ރުޖޫޢަވެގެން ކަމަށް ރައީސް ވިދާޅުވި އެވެ.

“ކަރެކްޝަނަލް ސަރވިސްގެ ޙަޤީޤީ ޒިންމާއަކީ، ޤައިދީންގެ ޖަލު ޙުކުމްގެ މުއްދަތު ހަމަވުމުގެ ކުރިން، މުޖުތަމަޢުގެ އެހެން މީހުންނާ އެކުގައި އުޅެވޭފަދަ ބަޔަކަށް ޤައިދީން ބަދަލުކުރުން. ހިންމަފުށީ އައްސޭރި ޖަލާއި، މާފުށީ ޖަލުގައި، ރީހެބިލިޓޭޝަން ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފެށީ އެ ސަބަބަށްޓަކައި.” ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ޖަލުތައް ބެލެހެއްޓުމުގެ ނިޒާމަށް އިޞްލާޙީ ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަނީ ވަރަށް މަތިވެރި މަޤްޞަދެއްގައި ކަމަށާއި އެއީ މުޅި މުޖުތަމަޢު އިޞްލާޙުކޮށް، މުޖުތަމަޢުގައި ހަމަޖެހުމާއި ޞުލްޙަމަސަލަސްކަން ޤާއިމުކުރުމާއެކު އަމާންކަމާއި ހިތްހަމަޖެހުމާއެކު ދިރިއުޅުމުގެ ފުރުޞަތު ކޮންމެ ރައްޔިތަކަށް ހޯދައިދިނުމުގެ މަގުސަދު ކަމަށް ރައީސް ވިދާޅުވި އެވެ.

އެ އައްސޭރިއަށް ދެވޭނީ، ޖަލުތަކަކީ ޤައިދީންނަށް ކިޔަވައިދީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުކުރާ ތަނަކަށް ހެދިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ