​ޕީއެސްޖީން ޔުވެންޓަސް ބަލިކޮށްފި

ކުޅިވަރު ފަހުގެ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ޔުވެންޓަސް ބަލިކޮށްފިއެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މި ފުޓުބޯޅަ މެޗު އެ ޓީމުން ކާމިޔާބުކުރީ 2-1 އިންނެވެ. މުހިންމު ކުޅުންތެރިން ހިމަނައިގެން ޕީއެސްޖީން ކުޅުނު މެޗުގައި އެ ޓީމުގެ ދެ ލަނޑު ވެސް ޖަހާފައިވަނީ ކީލިއަން އެމްބާޕޭއެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ޕީއެސްޖީގެ ފުރަތަމަ ލަނޑު އެމްބާޕޭ ޖެހީ ނޭމާ ޖޫނިއަރ ގެ އެހީތެރިކަމާއެކުއެވެ. ރަނގަޅު ފޯމެއްގައި ހުރި އެމްބާޕޭ އަންނަނީ ޖުމުލަ ގޮތެއްގައި މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ޕީއެސްޖީގެ ދެ ވަނަ ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި އެމްބާޕޭ ޖެހީ އަޝްރަފް ހަކީމީ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

ފުރަތަމަ ހާފު ނިމުނީ 2-0 އިން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ. ދެ ވަނަ ހާފަށް ނިކުމެ ޕީއެސްޖީން އިތުރު ލަނޑެއް ޖެހުމަށް މަސައްކަތް ކުރަމުން ދަނިކޮށް، ޔުވެންޓަސް އިން ވަނީ ލަނޑެއް ޖަަހައި ފަރަގު ކުޑަކޮށްފައެވެ. ފިލިޕް ކޮސްޓިކްގެ އެހީތެރިކަމާއެކު އެ ލަނޑު ވެސްޓަން މެކެނީ ޖެހީ 53 ވަނަ މިނެޓުގައެވެ.

މި ގްރޫޕްގައި ރޭ ބެންފީކާ އިން ވަނީ އަމިއްލަ ދަނޑުގައި 2-0 އިން މެކަބީ ހައިފާ ބަލިކޮށްފައެވެ. ގްރޫޕްގެ އެއް ވަނަ މަގާމުގައި ބެންފީކާ އޮތީ ފައިދާ ގޯލުން ކުރި ހޯދައިގެންނެވެ.​

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ