ލެވަންޑޯސްކީގެ ހެޓްރިކާއެކު ބާސެލޯނާއިން ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ބޮޑު މޮޅެއް ހޯދައިފިއެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ވިކްޓޯރިއާ ޕްލެޒެންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 5-1 އިންނެވެ. މި މެޗުގައި ބަޔާން މިއުނިކް ދޫކޮށް ބާސެލޯނާއަށް ބަދަލުވި ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. ބާސެލޯނާގައި ލެވަންޑޯސްކީ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.
މެޗުގައި ބާސެލޯނާއަށް ފުރަތަމަ ލީޑު ނަގައިދިނީ މިޑްފީލްޑަރު ފްރޭންކް ކެސިއޭއެވެ. މެޗުގެ 13 ވަނަ މިނެޓުގައި އޭނާ މި ލަނޑު ޖެހީ ޑިފެންޑަރު ޖޫލްސް ކޫންޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ބާސެލޯނާއަށް ލީޑު ފުޅާކޮށްދިނީ ސާޖީ ރޮބާޓޯގެ އެހީތެރިކަމާއެކު 34 ވަނަ މިނެޓުގައި ލެވަންޑޯސްކީއެވެ. އޭގެ ފަހުން މެޗުގެ 44 ވަނަ މިނެޓުގައި ވިކްޓޯރިއާ ޕްލެޒެންގެ ޔޭން ސައިކޯރާ ވަނީ ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.
ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެވަންޑޯސްކީ ވަނީ ލަނޑެއް ޖަހައި ބާސެލޯނާއަށް ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. އެއީ އޮސްމާން ޑެމްބެލޭގެ އެހީތެރިކަމާއެކު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ތިން މިނެޓުގެ ތެރޭގައި ލެވަންޑޯސްކީ ޖެހި ލަނޑެކެވެ.
ދެވަނަ ހާފު ފަށައިގެން ވެސް ބާސެލޯނާއިން ވަނީ އިތުރު ލަނޑު ޖެހުމަށް މަސައްކަތްކޮށްފައެވެ. އިތުރު ލަނޑެއް ޖެހުމަށް ބާސެލޯނާއިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 67 ވަނަ މިނެޓުގައެވެ. ޓޮރެސްގެ އެހީތެރިކަމާއެކު ލެވަންޑޯސްކީ ވަނީ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ހަމަކޮށްފައެވެ. ބާސެލޯނާގެ ފަހު ލަނޑު ޖެހީ ޓޮރެސްއެވެ. މެޗުގެ 71 ވަނަ މިނެޓުގައި އޭނާ މި ލަނޑު ޖެހީ ޑެމްބެލޭގެ އެހީތެރިކަމާއެކުއެވެ.
މެޗުން މޮޅުވެ ބާސެލޯނާ އޮތީ ގްރޫޕް ސީގެ އެއް ވަނަ މަގާމުގައެވެ. ދެވަނަ މަގާމުގައި އޮތް ބަޔާނަށް ވެސް ލިބެނީ ތިން ޕޮއިންޓެވެ. ނަމަވެސް ބާސެލޯނާއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.
ޗެމްޕިއަންސް ލީގުގައި ބާސެލޯނާއަށް ދެން އޮންނާނީ މި މަހުގެ 14 ވަނަ ދުވަހު ރަށުން ބޭރުގައި ބަޔާނާ ދެކޮޅަށް ކުޅޭ މެޗެވެ.