ފަހަތުން އަރައި ބެންފީކާއިން ޔުވެންޓަސް ބަލިކޮށްފި

ކުޅިވަރު ފަހުގެ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި ފަހަތުން އަރައި ބެންފީކާއިން ޔުވެންޓަސް ބަލިކޮށްފިއެވެ.

ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު ފުޓުބޯޅަ މެޗުގައި ބެންފީކާއިން އެ ޓީމުގެ މައްޗަށް ކުރި ހޯދީ 2-1 އިންނެވެ. މިއީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްގެ ދެވަނަ ބައްޔެވެ. ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަތުން ބަލިވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ޔުވެންޓަސް އިންނެވެ. މެޗުގެ ހަތަރު ވަނަ މިނެޓުގައި ލަނޑު ޖެހީ އާކަންޑިއުޒް މިލިކްއެވެ. އޭނާ މި ލަނޑު ޖެހީ ޕަރޭޑްސް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން 43 ވަނަ މިނެޓުގައި ބެންފީކާ އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އެއީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޔާއޯ މާރިއޯއެވެ.

ދެވަނަ ހާފު ފަށައިގެން ޔުވެންޓަސް އިން ވަނީ ލީޑު ނެގުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް 55 ވަނަ މިނެޓުގައި ބެންފީކާ އިން ވަނީ މެޗުން މޮޅުވި ލަނޑު ޖަހާފައެވެ. މިއީ ރަފާ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑޭވިޑް ނެރެސް ޖެހި ލަނޑެކެވެ.

މެޗުން މޮޅުވެ ބެންފީކާ އިން ވަނީ އެއްވަނާގައި އޮތް ޕީއެސްޖީގެ ފުލުގައި ވިއްދާފައެވެ. ޕީއެސްޖީއަށް ހަ ޕޮއިންޓު ލިބޭއިރު، ބެންފީކާއަށް ވެސް ލިބެނީ ހަ ޕޮއިންޓެވެ. ފައިދާ ގޯލުން ކުރި ހޯދަނީ ޕީއެސްޖީއެވެ. މި ގްރޫޕްގެ ތިންވަނަ މަގާމުގައި އޮތް ޔުވެންޓަސް އާއި ފުލުގައި އޮތް މެކަބީ ހައިފާއަށް ޕޮއިންޓެއް ނުލިބެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ