ދެވަނަ މެޗްއިން ޕީއެސްޖީ މޮޅުވިއިރު ރޮނާލްޑޯގެ ރެކޯޑެއް މެސީ މުގުރާލައިފި

ކުޅިވަރު ފަހުގެ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗުން ވެސް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) މޮޅުވެއްޖެއެވެ.

ގްރޫޕް އެޗްގައި ޕީއެސްޖީން ބައްދަލުކުރީ މެކަބީ ހައިފާއާއެވެ. މެކަބީ ހައިފާގެ އަމިއްލަ ދަނޑުގައި ކުޅުނު ފުޓުބޯޅަ މެޗުން ޕީއެސްޖީން މޮޅުވީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މެކަބީ ހައިފާ އިންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޖާރޯން ޗެެރީ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއެވެ. މި ގޯލާއެކު މެސީ ވެގެން ގޮސްފައިވަނީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ޓީމާ ދެކޮޅަށް ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ. އެއީ 39 ޓީމެވެ. ކުރިން މި ރެކޯޑު އޮތީ 38 ޓީމާ ދެކޮޅަށް ލަނޑު ޖެހި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގައެވެ. އަދި މި ގޯލާއެކު މެސީ ވަނީ ޖެހިޖެހިގެން 18 ސީޒަންގައި ޗެމްޕިއަންސް ލީގުގައި ގޯލު ވެސް ޖަހާފައެވެ.

ދެވަނަ ހާފު ފަށައިގެން ޕީއެސްޖީއަށް ނަތީޖާ ލީޑު ނަގައިދިނީ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭއެވެ. މެޗުގެ 69 ވަނަ މިނެޓުގައި އެމްބާޕޭ ލަނޑު ޖެހުމަށް އެހީތެރިވެދިނީ މެސީއެވެ. ޕީއެސްޖީގެ ތިންވަނަ ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި މާކޯ ވެރާޓީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާއެވެ. މި މެޗަކީ ޕީއެސްޖީގެ ތިން ތަރިން ކަމަށްވާ މެސީ، އެމްބާޕޭ އަދި ނޭމާ ޗެމްޕިއަންސް ލީގުގެ އެއް މެޗުގައި ލަނޑު ޖެހި ފުރަތަމަ މެޗެވެ.

މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޖުމުލަ ހަ ޕޮއިންޓު ހޯދައިގެން ޕީއެސްޖީ އޮތީ ތާވަލްގެ އެއްވަނަ މަގާމުގައެވެ. ދެވަނަ މަގާމުގައި އޮތް ބެންފީކާއަށް ވެސް ލިބެނީ ހަ ޕޮއިންޓެވެ. ނަމަވެސް ޕީއެސްޖީން ކުރި ހޯދަނީ ފައިދާ ގޯލުންނެވެ. ތިންވަނާގައި އޮތް ޔުވެންޓަސް އާއި ފުލުގައި އޮތް މެކަބީ ހައިފާއަށް ޕޮއިންޓެއް ނުލިބެއެވެ.​

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ