މުއުމިނުއަޅާގެ ފުރާނަ ހިއްޕެވޭ ހިނދު!

ފަހުގެ ދީން

އާޚިރަތުގެ ދަތުރުގައި އިންސާނުން އެންމެ ފުރަތަމަ ކަޑައްތުކުރާ މަރުހަލާއަކީ މަރެވެ. އެ މަރަކީ މީހެއްގެ ވެރިކަމާއި ޢިއްޒަތާއި ޝަރަފުގެ މަތިވެރިކަމުގެ ސަބަބުން، މީހެއްގެ ވަރުގަދަކަމުގެ ސަބަބުން އެ ކަމުން ފިލޭނެ އެއްޗެއް ނޫނެވެ. މަރަކީ މާތް ﷲ ކާއިނާތުގައި ލައްވަވައިފައިވާ ސުންނަތްތަކުގެ ތެރެއިން ސުންނަތެކެވެ. ކޮންމެ ނަފުސެއް ވެސް މަރުގެ ރަހަ ދެކޭނެއެވެ. މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ގާތަށް މަރު އައި ހިނދު ޙަދީޘްކުރައްވަމުން ގެންދެވިއެވެ. (إن للموت لسكرات) މާނައީ: “ހަމަކަށަވަރުން މަރަކީ ވޭންހުރި އެއްޗެކެވެ.”

އެއްދުވަހަކު މަދީނާގެ ޤަބުރުސްތާނުގައި މީހަކު ވަޅުލުމަށް ފަހު ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم އިށީނދެވަޑައިގެން އިންނެވިއެވެ. އަޞްޙާބުބޭކަލުން އެކަލޭގެފާނުގެ ވަށައިގެން ތިއްބެވިއެވެ. އެކަލޭގެފާނު އެހެން އިންނަވައި ބައެއް ފަހަރު މަތި ބައްލަވައެވެ. އަނެއްބައި ފަހަރު ތިރި ބައްލަވައެވެ. ހިމޭން ވަގުތުކޮޅެއްގައި މިހެން އިންނެވުމަށް ފަހު، ދުނިޔެއިން މީހާ ވަކިވެގެންދާ ހިނދު ކަންތައް ވާނެ ގޮތް ތަފުސީލުކޮށް ބުނެދެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

މަރުވި މީހަކީ އީމާނުގެ އަހުލުވެރިއެއް ނަމަ، އޭނާގެ ހަޔާތް ހެޔޮގޮތުގައި ވޭތުކޮށްފައިވާ މީހެއް ނަމަ، ސުވަރުގޭގެ ކަފުނާއި މީރުވަސް ދުވާ ހުވަނދުހިއްޕަވައިގެން ތިއްބަވާ ރަޙްމަތުގެ މަލާއިކަތުންނައިގެން މަލަކުލްމައުތު ވަޑައިގެން ވިދާޅުވާނެއެވެ. “އޭ ހިތްހަމަޖެހިފައިވާ ޠާހިރު ފުރާނަޔާއެވެ! ﷲ ގެ ރުއްސެވުމާއި ފުއްސެވުމަށް އަންނާށެވެ.” އެ ހިނދު ކަންވާރަކުން ފެން އޮހޭ ފަދަ ލުއި ގޮތަކަށް އެ ފުރާނަ ނެރެ ސުވަރުގޭގެ ކަފުނާއި ހުވަނދަށް ލެވޭނެއެވެ. ހުރިހާ އުޑެއްގެ ދޮރުކޮޅުތައް އެ ފުރާނަޔަށް ޓަކައި ހުޅުވޭނެއެވެ. ހުރިހާ މަލާއިކަތުން އެ ފުރާނަ އުޑަށް އުފުލުމަށް އެދިވަޑައިގަންނަވާނެއެވެ. އަދި ކޮންމެ މަލާއިކަތަކު ވެސް އެ ފުރާނަޔަށް ރަޙުމަތްލެއްވުން އެދި ދުޢާކުރައްވާނެއެވެ. ހަތް އުޑު ކަޑައްތުކޮށް ﷲ تعالى ގެ ހަޟްރަތަށް އެ ޠާހިރު ފުރާނަ އުފުއްލެވޭނެއެވެ. އެހިނދު ﷲ تعالى ވަޙީކުރައްވާނެއެވެ. ޢިއްލިއްޔީނުގައި ތިމަން ރަސްކަލާނގެ އަޅާގެ ފުރާނަ ލިޔުއްވާށެވެ. އެއަށް ފަހު ބިމަށް އެ ފުރާނަ ރައްދުކުރެވޭނެއެވެ. ކަށްވަޅުގައި އެ ފުރާނަޔާ ސުވާލުކުރެވޭނެއެވެ. ތިބާގެ ރައްބަކީ ކޮބައިތޯ؟، ތިބާގެ ދީނަކީ ކޮބައިތޯ؟، ތިބާގެ ގާތަށް ފޮނުއްވުނު ނަބިއްޔަކީ ކޮބައިތޯ ؟ އެހިނދު އެ ފުރާނަ ޘާބިތުކަމާ އެކު ޖަވާބުދޭނެއެވެ. އޭނާގެ ކަށްވަޅު ތަނަވަސް ކޮށްދެއްވުމަށާއި އެ ކަށްވަޅުގައި ސުވަރުގޭގެ ދާނެއް ފެތުރުމަށް ނިދާ އިއްވެވޭނެއެވެ. އެ ކަށްވަޅަކީ ސުވަރުގޭގެ ބަގީޗާއެއް ފަދަ ތަނަކަށް ވާނެއެވެ. (رواه أحمد وأبو داود والحاكم)

ތަޤްވާވެރިންގެ ފުރާނަތައް ނެރެވޭ ހިނދު އިސްތިޤްބާލުގައި މަލާއިކަތުން ތިއްބަވާނެކަން ބަޔާން ކުރައްވައި މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. “ހަމަކަށަވަރުން ތިމަންމެންގެ ވެރި ރަސްކަލާނގެއީ ﷲ އޭ ބުނެ ދެން ސީދާމަގުގައި ދެމިތިބި މީހުން (ދަންނާށެވެ.) އެއުރެންގެ މައްޗަށް މަލާއިކަތުން ފައިބާވަޑައިގަންނަވާނެއެވެ. ވިދާޅުވަމުންނެވެ. ތިޔަބައިމީހުން ބިރުނުގަންނާށެވެ. އަދި ހިތާމަ ނުކުރާށެވެ. ތިޔަބައިމީހުންނަށް ދެއްވާނެކަމަށް ވަޢުދުވެވޮޑިގެންފައިވާ ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިގަންނާށެވެ. ތިމަންބޭކަލުންނީ ދުނިޔޭގައި ވެސް އަދި އާޚިރަތުގައި ވެސް ތިޔަބައިމީހުންގެ އެހީތެރިންނެވެ. ތިޔަބައިމީހުންނަށް އެ ސުވަރުގެ ތަކުގައި ތިޔަބައިމީހުންގެ ނަފުސު އެ ކަމަކަށް އެދުންވެރިވާ ހުރިހާ އުފަލަކާއި އަރާމަކާއި ލައްޒަތެއް ލައްވައިފައިވެއެވެ. އަދި އެ ކަމެއް ހޯދައިގަތުމަށް އެދޭ އެންމެހާ ނިޢްމަތްތައް އެ ސުވަރުގޭގައި ލައްވައިފައިވެއެވެ. އެއީ ގިނަގިނައިން ފާފަފުއްސަވާ އޯގާވަންތަ ކަލެއްގެ މެހެމާންދާރީއެވެ.” (فصلت 30-32)

ދުނިޔޭގައި ކިތަންމެ ފަޤީރެއްކަމުގައި ވިޔަސް މީހުން ދެރަ ނިކަމެއްޗެއް ކަމުގައި ދެކުނަސް، އޭނާގެ ޙަޔާތް ހެޔޮ ގޮތުގައި ހޭދަކޮށްފައިވާ ނަމަ ޢިއްޒަތާއި ޝަރަފާއި ކަރާމަތާ އެކު އެ ފުރާނަ މާތް ﷲ ގެ ޙަޟްރަތަށް އުފުލޭނެކަން ކަށަވަރެވެ.

ނޯޓް: މިއީ “ދީނުގެމަގު” މަޖައްލާގެ 89 ވަނަ ޢަދަދުގައި الشَّيْخ مُحَمَّدُ مَعُوْن شَرِيْف ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ