ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމަށް އެވޯޑްކޮށްފައިވާ އިންޑިޔާގެ ކުންފުންޏާއެމަސައްކަތް ހަވާލުކޮށް އަންނަ ހަފުތާގައި އެގްރިމެންޓްގައި ސޮއިކުރެވޭނެ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނެފިއެވެ.
ދައުލަތުގެ މީޑިޔާގައި ރޭ ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އަބުދުލްޣަނީ ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމަށް އަންނަ ހަފުތާގައި ބަޔަކާއި ހަވާލުކޮށް އެގްރިމެންޓްގައި ސޮއިކުރެވޭނެ ކަމަށެވެ. އެގޮތުން ހަނިމާދޫ އެއާޕޯޓްގެ އެކްސްޕޭންޝަންގެ މިހާރު ވެސް ފެށިގެން ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެެ.
ޑެޕިއުޓީ މިނިސްޓަރު އަހުމަދު އަބުދުލްޣަނީ ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ބޮޑުކޮށް ތަރައްގީވެގެންދާއިރު އެ ސަރަހައްދުގެ އިގްތިސާދަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމި ރައްޔިތުންނަށް ޚިދުމަތް ދޭން ފަށާއިރު އެ އެއާޕޯޓަކީ ރާއްޖޭގެ އެންމެ ޒަމާނީ އެއާޕޯޓަށް ހެދުމަކީ އަމާޒެއް ކަމަށް ޑެޕިއުޓީ މިނިސްޓަރު ވިދާޅުވިއެެވެ.
“އެއާޕޯޓާއެކު އެ ސަރަހައްދަށް ޓްރާންސިޕްމަންޓް ބަނދަރެއް ވެސް އެބައާދޭ. އެހެންވީމަ ވަރަށް ބައިވަރު އިތުރު ޚިދުމަތްތަކާއެކު އެއާޕޯޓް ޙިދުމަތްތައް ފެށިގެންދާނީ، ދިގު ރަންވޭ އެއް އެޅިގެންދާނެ އެއާޕޯޓަކަށް މި އެއާޕޯޓް ވެގެންދާނެ. އެހެންކަމުން އެއާޕޯޓަށް ކޭޓާ ކުރެވޭ ފުލީޓަށް ވެސް ބަދަލު އަންނާނެ.” ޑެޕިއުޓީ މިނިސްޓަރު އަހުމަދު އަބުދުލްޣަނީ ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ އެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެ ކަމަށެވެ.
މި މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް 320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ޚިދުމަތް ދެވޭނެ ކަމަށާއި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބޭނެ ކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ.
މި ޕްރޮޖެކްޓަކީ އިންޑިއާގެ އެގްޒިމް ބެންކާއި ރާއްޖެއާ ދެމެދު 2019 ވަނަ އަހަރު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ. ސަރުކާރުން ބުނީ އަމާޒަކީ 2024 ވަނަ އަހަރު ނިމެންވާއިރަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އެކްސްޕޭންޝަން މަސައްކަތް ނިންމާލުން ކަމަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ޙަޤީޤީ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަކީ ރައީސް އިބްރާާޙީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެެވެ.
މި މަޝްރޫއުގެ ބީލަން ކާމިޔާބުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑް ކިޔާ ކުންފުންޏެކެެވެ.