ހަނިމާދޫން ކަންނެލި އެކްސްޕޯޓް ނުކުރެވުނުކަމީ، އިޤްތިޞާދުގާ އެޅިފައި އޮތް މަރުތަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ޒޯން 1 ގައި އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހަނިމާދޫ އެއަރޕޯޓަށް އަލިއަޅުއްވާލައްވާ ރައީސް ވަނީ މީގެ ކުރިން ހަނިމާދޫ އެއަރޕޯޓް ބައިނަލްއަޤްވާމީ ނަންބޯޑާއެކު ހިންގިނަމަވެސް ކުރިން ވީ ގޮތް ދެން ނުވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވީ ބޮޑު ތިލަދުންމައްޗަކީ ބޮޑުކަންނެލީގެ މަސްވެރިން ގިނަ ސަރަހައްދެއްކަމަށާއި ހަނިމާދޫން ކަންނެލި އެކްސްޕޯޓް ނުކުރެވުނު ކަމީ، އިޤްތިޞާދުގާ އެޅިފައި އޮތް މަރުތަޅެއްކަމަށެވެ. އުތުރުގެ އިޤްތިޞާދީ މައިދޮރޯށީގެ ގޮތުގާ ހަނިމާދޫ ހުޅުވާލެވުނު ނަމަ، މިސަރަޙައްދުގެ 8000 ޓޫރިސްޓް އެނދު، ބާވާނެތާ މިހާރު ކިތަންމެ ދުވަހެއްވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ބޮޑުތިލަދުންމައްޗަށް ގެންނަ ބޮޑު ބަދަލު، މިހާތަނަށް ނައިސް އޮތް އެންމެ އަސާސީ ސަބަބަކީ، ހަނިމާދޫއަށް ވެފައި އެއޮތް ގޮތްކަމަށާއި ނަމަވެސް ކުރިއަށްއޮތްތަނުގައި ބޮޑު ބަދަލެއް އަންނާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
” މީގެކުރިން އެބަނދަރު ބައިނަލް އަޤްވާމީ ކުރީ، ނަންބޯޑަކާއެކު އަންނަ، އިތުރު މަތިންދާ ބޯޓަކުން. ބޯޓުފީވެ، ފުރިބޯޓު އަނބުރާ ނައުމުން އެކަން ނިމި، ބައިނަލްއަޤްވާމީކަން ކެނޑޭ.ހަނިމާދޫ އެއަރޕޯރޓަށް، ދެންވާނީ ކުރިން ވީގޮތެއް ނޫން” ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ
ހަނިމާދޫ އިންޓަރނޭޝަނަލް އެއަޕޯޓް ތަރައްޤީކުރުމަށް 2.1 ބިލިޔަން ރުފިޔާ ހަމަޖެހިފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ އެމަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފައިވާކަންވެސް ފާހަގަކުރައްވާފައެވެ. މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި މިހާރު އޮތް 1.2 ކިލޯ މީޓަރުގެ ރަންވޭ، ދެން ބަދަލުވާނީ 2.46 ކިލޯމީޓަރުގެ ރަންވޭ އަކަށެވެ. ރައީސް ވިދާޅުވީ އެއާއެކުއެއީ އޭޝިއާގެ އިރުމައްޗާ ، ދެކުނު އިރުމަތީ އޭޝިއާއިން، ސީދާ ފްލައިޓް އޮޕަރޭޓް ކުރެވޭނެ ކަމަށެވެ. އަދި އެ ރަންވޭ މެދުއިރުމައްޗާ، އިރުމަތީ އެފްރިކާ ، ބޮޑު ތިލަދުންމައްޗާ ގުޅުވައިދޭނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަލަށް ކުރިއަށްގެންދާ މި މަޝްރޫއުގައި އައު ރަންވޭއެއް އެޅުމުގެ އިތުރަށް އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް، ޚިދުމަތް ދެވޭނެ ޒަމާނީ ޓަރމިނަލެއް، އަލުން ޢިމާރާތް ކުރާނެއެވެ.
ރައީސް ވިދާޅުވީ ބޮޑު ތިލަދުންމައްޗަށް ގެންނަ އިންިލާބީ ބަދަލުތަކާއި ޚާއްސަކޮށް އެއަރޕޯޓް ތަރައްޤީކުރެވުމާއެކު
މިސަރަހައްދުގާ ރިޒޯޓް، ހޮޓާ، ގެސްޓް ހައުސްގެ ގޮތުގައި 8000 ޓޫރިސްޓް އެނދު ޤާއިމު ކުރުމުގެ އަމާޒު އެބައޮތްކަމަށެވެ.