މެސީގެ ހިތްގައިމު ލަނޑާއެކު ޕީއެސްޖީ އެއްވަނާގައި

ކުޅިވަރު ފަހުގެ

ފްރާންސް ލީގުގައި ނީސްއާ ދެކޮޅަށް ކުޅުނު ފުޓުބޯޅަ މެޗުން މޮޅުވެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ނީސްއާ ދެކޮޅަށް ނުކުތްއިރު، އެ ޓީމު އޮތީ ލީގު ތާވަލްގެ ދެ ވަނައިގައެވެ. އެއް ވަނައިގައި އޮތީ މާސޭއެވެ. އެހެންކަމުން ޕީއެސްޖީ އަށް އޮތީ އެއް ވަނަ އަރަން ނީސް ބަލިކުރަން މަޖުބޫރުވެފައެވެ. ޕީއެސްޖީން ނީސް ބަލިކުރީ 1-2 އިންނެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗު ފަށއިގެން ޕީއެސްޖީން ރަނގަޅު ކުޅުމެއް ދެއްކިއެވެ. މެޗުގެ 11 ވަނަ މިނެޓުގައި އެ ޓީމުގެ އާޖެންޓީނާ ފޯވާޑް ލިއޮނެލް މެސީ ހިލޭ ޖެހުމެއްގައި ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން މެޗުގެ 26 ވަނަ މިނެޓުގައި ނީސްގެ އޭރިޔާ ބޭރުން މެސީ އަށް ކުރި ފައުލަކާ ގުޅިގެން އެ ޓީމަށް ވަނީ އިތުރު ހިލޭ ޖެހުމެއް ލިބިފައެވެ. ހިލޭ ޖެހުމުގައި ބޯޅަ ގޯލުގެ އަރިމަތީ ކަނަށް ފޮނުވާލައިގެން މެސީ ވަނީ ޕީއެސްޖީ އަށް ލީޑު ނަގައިދީފައެވެ.

ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ނީސް އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އެއީ ޕީއެސްޖީގެ އޭރިޔާ ތެރެއަސް ހުރަސްވި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން ލަބޯޑް ކާމިޔާބުކުރި ލަނޑެކެވެ. މެޗުން ޕީއެސްޖީ މޮޅުކޮށްދިން ލަނޑު ޖެހީ ކީލިއަން އެމްބާޕޭއެވެ. އެއީ ނީސްގެ އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް އެ ޓީމުގެ ގޯލްކީޕަރުގެ އަތް ދަށުން ގޯލަށް ފޮނުވާލައިގެންނެވެ.

މެޗުން މޮޅުވެ ޕީއެސްޖީ އެއް ވަނައިގައި އޮތީ ނުވަ މެޗުން 25 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި އޮތް މާސޭ އަށް ނުވަ މެޗުން ލިބެނީ 23 ޕޮއިންޓެވެ. ތިން ވަނައިގައި އޮތީ އަށް މެޗުން 19 ޕޮއިންޓު ހޯދައިގެން ލޮރިއެންޓެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ