ޒަޔާންގެ މަރުގެ މައްސަލާގައި 4 ކުއްޖެއްގެ މައްޗަށް ދަޢުވާ އުފުލައިފި

ޚަބަރު ފަހުގެ

މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި އުމުރުން 21 އަހަރުގެ މުހައްމަދު ޒަޔާން މޫސާގެ މަރުގެ މައްސަލާގައި 18 އަހަރު ނުފުރޭ 4 ކުއްޖެއްގެ މައްޗަށް ދަޢުވާކުރުމަށް ޖުވެނައިލް ކޯޓަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފޮނުވައިފިއެވެ.

މި މައްސަލައާއި ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ ސ. ފޭދޫ، ސޮލިޑް، މުޙައްމަދު ޒަޔާން މޫސާއަށް ތޫނު އެއްޗަކުން ޙަމަލާދީ މަރާލި މައްސަލާގައި ޢުމުރުން 18 އަހަރު ނުފުރޭ ތިން ކުއްޖެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން އެއްކުއްޖެއްގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ. އަދި ޢުމުރުން 18 އަހަރު ނުފުރޭ އިތުރު 3 ކުދިންގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދަޢުވާ މިމަހުގެ 6 ވަނަ ދުވަހު ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

މި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދަޢުވާ ލިބޭ ތިން ކުދިންގެ ތެރެއިން ދެ ކުދިން ކުށަށް އިޢުތިރާފުވެ، ޑައިވާރޝަން ފުރުޞަތަށް އެދިފައިވާތީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ޑައިވާރޝަން އެގްރީމެންޓް ހަދާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވިއެވެ.

އަދި މިމައްސަލައިގައި ތުހުމަތުކުރެވޭ ޢުމުރުން 18 އަހަރުން މަތީގެ ފަސް މީހެއްގެ ބައި ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީޤުކުރަމުންކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ. ތަޙުޤީޤުގައި ކުރަންހުރި މަސައްކަތްތަކަށް ބަލައި، މައްސަލަ ތަޙުޤީޤުކުރުމުގެ މުއްދަތު ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން އިތުރު ކޮށްދެމުން އަންނަކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

މި މައްސަލައިގައި ދަޢުވާލިބޭ 4 ކުދިންނާއި، ތުހުމަތުކުރެވޭ 5 މީހުން ތިބީ ބަންދުގައި އެބަތިބިކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ހިނގި ސިލްސިލާ މާރާމާރީތަކެއްގައި، ޒަޚަމްވި ޒަޔާން ނިޔާވީ ލިބުނު އަނިޔާތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ