ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ހެދި އެއްބަސްވުން ދައުލަތުން ބާތިލް ކުރީ ގޯސްކޮށް ކަމަށާއި އެހެން ކަމުން އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދައުލަތުން ދީބާޖާއަށް ދޭން ޖެހޭނެ ކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
2010 ގައި އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާއި އެކު ރައީސް ނަޝީދުގެ ސަރުކާރުގައި ހެދި އެއްބަސްވުން ބާތިލުކޮށްފައި ވަނީ 2013 ގަ އެވެ. އަދި އެ އެއްބަސްވުން އުވާލި މައްސަލައިގައި ގެއްލުމުގެ ބަަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމް ކުރީ ސިވިލް ކޯޓުންނެވެ. އަދި އިސްތިއުނާފު މަރުހަލާގައި އެ ހުކުމް ހައިކޯޓުން ބާތިލުކޮށްފައި ވަނިކޮށް 2019 ގައި ސުޕްރީމް ކޯޓު މަރުހަލާގައި ސިވިލް ކޯޓުގެ ހުކުމް ދެމެހެއްޓި އެވެ.
ބަދަލެއްގެ ގޮތުގައި ދީބާޖާއަށް ބޮޑު އަދަދެއް ދޭންކުރި ހުކުމް ކޯޓުން ބޭރުން ހައްލު ކުރުމަށް މި ސަރުކާރުން އުފެއްދި ސެޓްލްމަންޓު ކޮމިޓީން ނިންމައި ކުންފުންޏަށް ބަދަލެއްގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން އެއްބަސްވި އެވެ. އެހެން ނަމަވެސް އެ ނިންމުން ބަދަލުކޮށް، މައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ސަރުކާރުން ނިންމިއެވެ. އަދި އޭގެ ފަހުން އޭރު އޮތް ސުޕްރީމް ކޯޓުގެ ބެންޗުން ކުރި ހުކުމް ބާތިލްކޮށް އަލުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ސުޕުޕްރީމް ކޯޓުން ވަނީ ދީބާޖާއަށް ދީފައެވެ.
ސުޕްރީމް ކޯޓުން އަލުން ދީބާޖާގެ މައްސަލަ ބެލުމަށް ފަހު މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ ދައުލަތުން ދިބާޖާއާއިއެކު ހަދާފައިވާ އެއްބަސްވުން ބާތިލް ކޮށްފައި ވަނީ ގޯސް ކޮށް ކަމަށާއި އެހެން ކަމުން އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދީބާޖާ އަށް ދައުލަތުން ދޭން ޖެހޭނެ ކަމަށެވެ.
ނަމަވެސް ދީބާޖާއަށް ދޭން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ގެއްލުމުގެ ބަދަލަކީ ރަނގަޅު ގެއްލުމުގެ ބަދަލެއް ނޫން ކަމަށް ކަނޑައަޅައި 348 މިލިޔަން ރުފިޔާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ކަނޑައެޅާފައިވާ ބައި ބާތިލްކޮށް ގެއްލުމުގެ ބަދަލުގެ މައްސަލަ ބެލުމަށް އެ މައްސަލަ ސިވިލް ކޯޓަށް ފޮނުވުމަށް ސުޕްރީމް ކޯޓުން ބެލުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ އަންގާފައެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ދައުލަތުން އެއްބަސްވުން ބާތިލް ކުރީ ގޯސް ކަމަށް ކަނޑައަޅާފައި ވަނީ ނޯޓިސް ދިނުމަކާ ނުލައި އެއްބަސްވުން ބާތިލް ކޮށްފައި ވާތީއާއި އަދި އެއްބަސްވުން ބާތިލް ކުރިއިރު ހިދުމަތް މެދުކެނޑިފައި ވަނީ ދެރަށަކަށް ކަމަށާއި އަދި ހިދުމަތުގެ ފެންވަރު ދަށްވުމަކީ އެއްބަސްވުން ބާތިލް ކުރަން ޖެހޭ ސަބަބެއް ކަމަށް އެއްބަސްވުމުގައި ނުވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ. މީގެއިތުރުން އެއްބަސްވުމުގައި ބުނެފައިވާ ގޮތަށް ދައުލަތުން ދީބާޖާއަށް ކޮށްދޭން ޖެހޭ ކަންތައްތައް ވެސް ކޮށްދީފައި ނުވާކަން ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ފާހަގަ ކޮށްފައެވެ.
ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ނަމަވެސް ދީބާޖާއާއިއެކު ދައުލަތުން ހަދާފައިވާ އެއްބަސްވުން ބާތިލް ކުރީ ގޯސް ކަމަށް ކަނޑައަޅައި ހުކުމް ކޮށްފައި ވަނީ ދެ ފަނޑިޔާރުންގެ އަގްލަބީއްޔަތުންނެވެ.
މިގޮތަށް ހުކުމްކުރީ އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވި ބެންޗުގެ ރިޔާސަތުގެ ބެލެހެއްޓެވި ފަނޑިޔާރު އަލީ ރަޝީދު ހުސައިން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އަޣުލަބިއްޔަތުންނެވެ.