ދެ ވަނަ ލެގުގައި ސެވިއްޔާ އިން ޑޯޓްމަންޑާ އެއްވަރުކޮށްފި

ކުޅިވަރު ފަހުގެ

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ޖީގެ ދެ ވަނަ ލެގުގައި ބޮރޫޝިއާ ޑޯޓްމަންޑާއި ސެވިއްޔާ ބައްދަލު ކުރި މެޗު އެއްވަރުވެއްޖެއެވެ.

ދެ ވަނަ ލެގުގައި ޑޯޓްމަންޑުގެ އަމިއްލަ ދަނޑުގައި އެ ޓީމު ސެވިއްޔާއާ އެއްވަރުވީ 1-1 އިންނެވެ. ފުރަތަމަ ލެގުގައި ޑޯޓްމަންޑުން ވަނީ ސެވިއްޔާގެ ދަނޑުގައި 4-1 އިން އެ ޓީމު ބަލިކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޑޯޓްމަންޑުގެ ދަނޑުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސެވިއްޔާ އިންނެވެ. އެއީ މެޗުގެ 18 ވަނަ މިނެޓުގައި އީވާން ރަކިޓިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި ނިއާންޒޯ ޖެހި ލަނޑުންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑޯޓްމަންޑުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. 35 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖޫޑް ބެލިންހަމްއެވެ.

މެޗުން އެއްވަރުގެ ޑޯޓްމަންޑު އޮތީ ހަ ޕޮއިންޓާއެކު ގްރޫޕްގެ ދެ ވަނަ މަގާމުގައެވެ. ދެ ޕޮއިންޓާއެކު ސެވިއްޔާ އޮތީ ތިން ވަނައިގައެވެ. މި ގްރޫޕްގެ އެއް ވަނައިގައި 10 ޕޮއިންޓާއެކު އޮތީ މެންޗެސްޓަރ ސިޓީއެވެ. ފުލުގައި ދެ ޕޮއިންޓާއެކު އޮތީ ކޯޕަންހޭގަންއެވެ.

ޑޯޓްމަންޑާއި ސެވިއްޔާގެ މެޗު އެއްވަރުވުމުން މެންޗެސްޓަރ ސިޓީ އަށް ވަނީ އަނެއް ބުރުގެ ޖާގައެއް ޔަގީންވެފައެވެ. މި ގްރޫޕުން ދެން ފުރުސަތު ބޮޑީ ޑޯޓްމަންޑަށެވެ. އެއީ ބާކީ ދެ މެޗުން ބަލިނުވެ، އެ ޓީމަށް އަނެއް ބުރަށް ދެވޭނެއެވެ.​

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ