ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ވޮޝިންޓަނަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ވޮޝިންޓަނަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރެ އެވެ.
މިދަތުރަކީ ވޯލްޑް ބޭންކް އާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް [އައިއެމްއެފް]ގެ އަހަރީ ބައްދަލުވުމަށް ދައުވަތު ލިބިފައިވާތީ ކުރައްވާ ދަތުރެއް ކަމަށް ވިދާޅުވި އެވެ.
ކްލައިމެޓް ވޮނަރަބަލް ފޯރަމް [ސީވީއެފް]ގެ ފަރާތުން އެ ފޯރަމްގައި 20 ފައިނޭންސް މިނިސްޓަރުން ބައިވެރިވާ ކަމަށާއި ދަތުރުގެ ހަރަދުތައް ކުރަނީ ސީވީއެފުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ތަރައްގީވަމުން އަންނަ ވަރަށް ގިނަ ގައުމުތަކުގެ އިގްތިސާދަށް ބޮޑު ލޮޅުންތަކެއް އަރާފައިވާ ކަމަށާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން އެކަންކަމާ ފުންކޮށް ވިސްނަން ޖެހިފައިވާ ކަމަށެވެ.
“ކްލައިމެޓް ވޮނަރަބަލް ފޯރަމް ދެކޭ ގޮތުގައި ކުރިއަށް މި އޮތް ދެ އަހަރުގެ ތެރޭގައި އެ ފޯރަމްގައި ހިމެނޭ ގައުމުތަކުގެ ތެރެއިން 20 ގައުމާއި ގާތަށް އިގްތިސާދީ ހީނަރުކަން ކުރިމަތިވެ ދަތިތަކާއި ކުރިމަތިލައި އަދި ސޮވަރިން ޑިފޯލްޓްގެ މިންވަރަށް އެ ގައުމުތަކުގެ އިގްތިސާދުތައް ދިއުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި ދެކެނީ” ރައީސް ނަޝީދު ވިދާޅުވި އެވެ.
އެހެންކަމުން އެ ފޯރަމްގައި މާލީ އިދާރާތަކާއެކު ވާހަކަ ދެއްކުމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމުގައިވެސ ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.