އިންޓަ މިލާނާ އެއްވަރުވެ ބާސެލޯނާ އަށް ނުތަނަވަސްކަން

ކުޅިވަރު ފަހުގެ

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ދެ ވަނަ ލެގުގައި އިންޓަ މިލާނާ އެއްވަރުވެ، މުބާރާތުގައި ކުރިއަށް ދިޔުމަށް ބާސެލޯނާ އަށް ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ.

ގްރޫޕް ސީގެ ފުރަތަމަ ލެގުގައި މި ދެ ޓީމު އިންޓަގެ ދަނޑުގައި ކުޅުނު މެޗު ކާމިޔާބުކުރީ އިންޓައިންނެވެ. ބުދަ ދުވަހުގެ ރޭ ބާސެލޯނާގެ ދަނޑުގައި އިންޓަ ބަލިކޮށްގެން ދެވަނަ ބުރަށް ދިޔުމުގެ އުންމީދެއް އެ ޓީމަށް ލިބެން އޮތެވެ. ނަމަވެސް އެ މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ވަނީ ރަނގަޅަށް ކުޅެ، ލީޑު ވެސް ނަގާފައެވެ. މެޗުގެ 40 ވަނަ މިނެޓުގައި ސާޖީ ރޮބާޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޮސްމާން ޑެމްބެލޭ ވަނީ ލަނޑު ޖަހައި ބާސެލޯނާ އަށް ލީޑު ނަަގައިދީފައެވެ. ނަމަވެސް ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ބަރެއްލާ ވަނީ ލަނޑެއް ޖަހައި އިންޓަ އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެ ފަހުން 63 ވަނަ މިނެޓުގައި ލައުޓާރޯ މާޓީނޭޒް ވަނީ ލަނޑެއް ޖަހައި އިންޓަ އަށް ލީޑު ހޯދައިދީފައެވެ.

ބާސެލޯނާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ 82 ވަނަ މިނެޓުގައި ރޮބާޓް ލެވަންޑޯސްކީއެވެ. ނަމަވެސް މެޗުގެ 89 ވަނަ މިނެޓުގައި ގޮސެންސް ވަނީ އިންޓަގެ ތިން ވަނަ ލަނޑު ޖަހައި ދެ ވަނަ ފަހަރަށް އެ ޓީމަށް ކުރި ހޯދައިދީފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގެ ދެ ވަނަ މިނެޓުގައި ލެވަންޑޯސްކީ ވަނީ ލަނޑު ޖަހައި ބާސެލޯނާ އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މި ނަތީޖާއާއެކު ބާސެލޯނާ އޮތީ ހަތަރު މެޗުން ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ދެ ތިން ވަނަ މަގާމުގައެވެ. ހަތަރު މެޗުން ހަތް ޕޮއިންޓު ހޯދައިގެން އިންޓަ އޮތީ ދެ ވަނަ މަގާމުގައެވެ. ދެވަނަ ބުރުގެ ޖާގައަކާ އިންޓަ އިން ގާތް ކުރި އިރު، ބާސެލޯނާ އަށް ޖެހޭނީ އަމިއްލަ ދަނޑުގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭ މެޗާއި، ރަށުން ބޭރުގައި ވިކްޓޯރިއާ ޕްލެންޒާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވާށެވެ. ބާސެލޯނާ އަށް ދެވަނަ ބުރުގެ ޖާގައެއް ލިބެން އޮތީ ކުރިއަށް އޮތް ދެ މެޗުން ވެސް އިންޓަ ބަލިވެގެންނެވެ.​

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ