އަޔެކްސް ބަލިކޮށް ނަޕޯލީ ދެ ވަނަ ބުރުން ޖާގަ ހޯދައިފި

ކުޅިވަރު ފަހުގެ

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް އޭގައި އަޔެކްސް ބަލިކޮށް، ނަޕޯލީން ދެ ވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ބުދަ ދުވަހުގެ ރޭ ނަޕޯލީގެ އަމިއްލަ ދަނޑުގައި އެ ޓީމުން އަޔެކްސް ބަލިކުރީ، 2-4 އިންނެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗުގެ ފުރަތަމަ ހާފުގައި ނަޕޯލީން ވަނީ ދެ ލަނޑު ޖަަހައި، ލީޑު ނަގާފައެވެ. ނަޕޯލީގެ ފުރަތަމަ ލަނޑު މެޗުގެ ހަތަރު ވަނަ މިނެޓުގައި ޖެހީ ހާވިން ލޮޒާނޯއެވެ. އޭގެ ފަހުން 16 ވަނަ މިނެޓުގައި ޖިއަކޯމޯ ރަސްޕަޑޯރީ ވަނީ ދެ ވަނަ ލަނޑެއް ޖަހައި ނަޕޯލީ އަށް ލީޑު ފުޅާކޮށްދީފައެވެ. ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ޑޭވީ ކްލާސެން ވަނީ ލަނޑެއް ޖަހައި އަޔެކްސް އަށް ފަރަގު ކުޑަކޮށްދީފައެވެ.

ނަމަވެސް އޭގެ ފަހުން 62 ވަނަ މިނެޓުގައި ނަޕޯލީ އަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީގައި އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ކްވިޗާ ކްރަވަޝްކާލިއާއެވެ. މެޗުގެ 83 ވަނަ މިނެޓުގައި އަޔެކްސް އަށް ވެސް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ސްޓީވެން ބާގްވެއިންއެވެ. ނަޕޯލީގެ ހަތަރު ވަނަ ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި ޖެހީ ވިކްޓަ އޮސީމެއިންއެވެ.

މި މޮޅާއެކު ނަޕޯލީން ދެ ވަނަ ބުރަށް ދިޔައީ ހަތަރު މެޗުން 12 ޕޮއިންޓު ހޯދައިގެންނެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓު ހޯދައިގެން ލިވަޕޫލްއެވެ. ތިން ވަނައިގައި އޮތް އަޔެކްސް އަށް ތިން ޕޮއިންޓު ލިބޭއިރު، ފުލުގައި އޮތް ރޭންޖާސް އަށް ޕޮއިންޓެއް ނުލިބެއެވެ. މި ގްރޫޕުން ދެ ވަނަ ބުރަށް ދިޔުމުގެ ފުރުސަތު ދެެން ބޮޑީ ލިވަޕޫލަށެވެ. ބާކީ އޮތް ދެ މެޗުން އެ ޓީމު ބޭނުންވަނީ އެއް ޕޮއިންޓެވެ.​

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ