ބޮޑު ތަފާތަކުން ލިވަޕޫލުން ރޭންޖާސް ބަލިކޮއްފި

ކުޅިވަރު ފަހުގެ

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް އޭގައި ބޮޑު ތަފާތަކުން ރޭންޖާސް ބަލިކޮށް، ލިވަޕޫލުން ދެ ވަނަ ބުރާ ގާތަށް ޖެހިލައިފިއެވެ.

ބުދަ ދުވަހުގެ ރޭންޖާސްގެ ދަނޑުގައި ލިވަޕޫލުން އެ ޓީމު ބަލިކުރީ 7-1 އިންނެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރޭންޖާސް އިންނެވެ. އެއީ މެޗުގެ 17 ވަނަ މިނެޓުގައި އާފީލްޑް ޖެހި ލަނޑުންނެވެ. ނަމަވެސް 24 ވަނަ މިނެޓުގައި ރޮބާޓް ފިރްމީނޯ ވަނީ ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ލިވަޕޫލްގެ އަނެއް ހަ ލަނޑު ފެނުނީ މެޗުގެ ދެ ވަަ ހާފުގައެވެ.

ދެ ވަނަ ހާފު ފަށައިގެން 55 ވަނަ މިނެޓުގައި ފިރްމޯނޯ ވަނީ އިތުރު ލަނޑެއް ޖަހައި ލިވަޕޫލަށް ލީޑު ނަގައިދީފައެވެ. ލިވަޕޫލްގެ ތިން ވަނަ ލަނޑު 66 ވަނަ މިނެޓުގައި ޖެހީ ޑާވިން ނޫނޭޒްއެވެ. އޭގެ ދެ މިނެޓު ފަހުން ކޯޗު ޔާގަން ކްލޮޕް ވަނީ ނޫނޭޒްގެ ބަދަލު މުޙައްމަދު ޞަލާޙު ކުޅެން އަރުވާފައެވެ. ޞަލާޙު ވަނީ ކުޅެން ނުކުމެ ރެކޯޑެއް ހަދާފައެވެ. އެއީ ޗެމްޕިއަންސް ލީގުގައި އެންމެ އަވަހަށް ހެޓްރިކް ހެދުމުގެ ރެކޯޑެވެ. ޞަލާޙު ވަނީ ހަ މިނެޓާއި 12 ސިކުންތުގެ ތެރޭގައި ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ. އެއީ 76 ވަނަ މިނެޓާއި، 80 ވަނަ މިނެޓު އަދި 81 ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑުތަކުންނެވެ. ކުރިން މި ރެކޯޑު އޮންނަނީ އަށް މިނެޓުން ހެޓްރިކް ހެދި ބަފެންޓިމްބީ ގޯމިސް އަތުގައެވެ. ލިވަޕޫލްގެ ފަހު ލަނޑު 87 ވަނަ މިނެޓުގައި ޖެހީ އެލިއޮޓްއެވެ.

މެޗުން މޮޅުވެ ލިވަޕޫލް އޮތީ ގްރޫޕްގެ ދެ ވަނައިގައެވެ. އެއީ ހަތަރު މެޗުން ނުވަ ޕޮއިންޓު ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް އަޔެކްސް އަށް ލިބެނީ ހަތަރު މެޗުން ތިން ޕޮއިންޓެވެ. ޕްލެންޒް އޮތީ ޕޮއިންޓެއް ނުލިބި ފުލުގައެވެ. މި ގްރޫޕްގެ އެއް ވަނައިގައި އޮތް ނަޕޯލީން ވަނީ ދެ ވަނަ ބުރުގެ ޖާގައެއް ހޯދާފައެވެ. ދެ ވަނަ ބުރުގެ ޖާގައެއް ހޯދުމަށް ލިވަޕޫލުން ބޭނުންވަނީ އެއް ޕޮއިންޓެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ