ސްކައުޓް ހަރަކާތުން ލިބޭ އެންމެ ބޮޑު ފައިދާ އަކީ ދިރިއުޅުމުގެ ހުނަރުތައް: ނައިބު ރައީސް

ޚަބަރު ފަހުގެ

ސްކައުޓު ހަރަކާތުން ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ ސްކައުޓް ހަރަކާތުގެ ތެރެއިން ދަސްވާ ދިރިއުޅުމުގެ ހުނަރުތައް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ޖަމްބަރީ އޮން ދަ އެއަރ- ޖަމްބަރީ އޮން ދަ އިންޓަރނެޓް (ޖޮޓާޖޮޓީ) 2022، ރާއްޖޭގައި ރަސްމީ ގޮތުން ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ކުދިންނަށް ޒިންމާދާރުވާން ދަސްވުމާއި، ދިރިއުޅުމުގެ ހުނަރުތައް ދަސްވުން ފަދަ ގިނަ ފައިދާތަކެއް ސްކައުޓް ހަރަކާތުން ލިބިގެންދާކަމަށެވެ. މީގެ އިތުރުން ދިރިއުޅުމުގައި ޚަރަދު ކުޑަކުރުމާއި، ރަނގަޅުގޮތުގައި ކުނިމެނޭޖްކުރުމާއި، ވެށި ސާފުކޮށް ބެލެހެއްޓުމުގެ މުހިންމު ކަމަށް ފައިސަލްގެ ވާހަކަައިގައި އަލިއަޅުވާލެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި ހޮނިހިރު ދުވަހު ފެށި ޖަމްބޮރީއާ އެކު ރާއްޖޭގެ އެކި ރަށްރަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސްކައުޓުންގެ މެދުގައި ރަޙްމަތްތެރިކަމުގެ ގުޅުން އުފެދިގެންދާނެ ކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ސްކައުޓް ހަރަކާތަކީ މިއަދާ ހަމައަށް ފަނޑުވުމެއް ނެތި ކުރިއަރަމުން އަންނަ ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ އެއް ހަރަކާތް ކަމަށެވެ. އަދި އެ ހަރަކާތް އެގޮތުގައި ކުރިއަރައިދަނީ ޤައުމުތަކާއި، މުޖުތަމަޢުއަށް އަދި ވަކިވަކި ފަރުދުންނަށްވެސް މި ހަރަކާތުގެ ސަބަބުން ގިނަ ގުނަ ފައިދާތަކެއް ލިބިގެންދާތީ ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ޖޮޓާޖޮޓީ 2022 ރާއްޖޭގައި ރަސްމީގޮތުން ހުޅުވައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެމެޗަރ ރޭޑިއޯ މެދުވެރިކޮށް ސްރީލަންކާގައި ތިބި ސްކައުޓުންނަށް މެސެޖެއް ފޮނުއްވާފައެވެ.

ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މިހަރަކާތް ރާއްޖޭގައި ހޮނިރު ދުވަހު ވަނީ ފަށާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ސްކައުޓުންނަށްވެސް ވަރޗުއަލްކޮށް މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ޖޯޓާޖޯޓީ ހަރަކާތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ޢުމުރުފުރާތަކުގެ ސްކައުޓުން އިންޓަރނެޓް އަދި ރޭޑިއޯ މެދުވެރިކޮށް ގުޅުވާލައިދޭ މިފަދަ އެންމެ ބޮޑު ހަރަކާތް ކަމަށް ވާއިރު މި ހަރަކާތް ބާއްވަނީ ކޮންމެ އޮކްޓޯބަރު މަހެއްގައެވެ. މި ހަރަކާތް މި އަހަރު ބާއްވަނީ މި އޮކްޓޫބަރު މަހުގެ 14 އިން 16 އަށެވެ. މި ހަރަކާތުގައި 172 އަށްވުރެ ގިނަ ޤައުމުތަކުން ދެ މިލިޔަނަށްވުރެ ގިނަ ސްކައުޓުން ބައިވެރިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ