ދަނޑުވެރިކަން ކުރުމުގައި ދަނޑުވެރިންނަށް ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް ރަނގަޅު އިންޝުއަރެންސް ސްކީމެއް ތައާރަފްކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރަން ކ. ކާށިދުއަށް ރައީސް ވަޑައިގަތުމުން، ދަނޑުވެރިން ވަނީ ލޯނު ނަގައިގެން ދަނޑުވެރިކަން ކުރާއިރު ގުދުރަތީ ކާރިސާތައް މެދުވެރިވެ ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް ލިބެމުންދާކަން ހިއްސާކޮށްފަ އެވެ.
ދަނޑުވެރިންނަށް ރައީސް ޔަގީންކަން ދެއްވި ގޮތުގައި އެކަމުގައި ސަރުކާރުން ހައްލެއް ހޯދައިދެއްވާނެ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ ގެއްލުންތަކުން އަރައިގަތުމަށް ދަނޑުވެރިންނަށް ރަނގަޅު އިންޝުއަރެންސް ސްކީމެއް މުހިއްމެވެ. ދަނޑުވެރިންގެ މައުޒަރުގައި އެލައިޑުން ބައިވެރިވެފައިވާކަން ފާހަގަކުރައްވައި ވިދާޅުވީ އިންޝުއަރެންސްގެ ކަންކަން އެ ކުންފުންޏާ އެކު ހަމަޖައްސަން ވާހަކަތައް ދައްކަވަމުން އަންނަ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ދަނޑުވެރިކަން ކުރިއަރުވައި ދަނޑުވެރިންނަށް އެހީވަމުން އަންނަ އިރު ސަރުކާރުގެ ވިސްނުމަކީ ކާށިދޫގެ ގުދުރަތީ ބިން ދަނޑުވެރިކަމަށް ބޭއްވުމެވެ. ޓޫރިޒަމަށް ބޭނުންވާ ބިން ހޯދާނީ ހުޅަނގު ފަރާތް ހިއްކައިގެން ކަމަށް ވިދާޅުވި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ކާށިދޫގެ ދަނޑުވެރިން ވަނީ އެ މަސައްކަތުގައި ކުރިމަތިވާ އުނދަގޫތައް ރައީސަށް ހުށަހަޅައިފަ އެވެ. އޭގެތެރޭގައި ދަނޑުވެރި އުފެއްދުންތައް މާލެ އަށް ގެންދިއުމުގައި ދިމާވާ ދަތިތަކާއި ލޯކަލް މާރުކޭޓުގައި ބިދޭސީންގެ ކޮންޓްރޯލް އޮންނާތީ ރަނގަޅު އަގުގައި އުފެއްދުންތައް ވިއްކަން ހުރަސްތައް ކުރިމަތިވުން ހިމެނެ އެވެ.