ދަރީންނާ މެދު ސަމާލުވާށެވެ!

ޚަބަރު ފަހުގެ


ދަރީންނަކީ ﷲ سبحانه وتعالى ގެ ފަޟުލުވަންތަވެރިކަމުން ދެއްވާ ނިޢުމަތެއް ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. ދަރީންގެ ނިޢުމަތަކީ އެއާ އެކު އެތަކެއް ގިނަގުނަ ޒިންމާތަކެއް އެކުލެވިގެންވާ ނިޢުމަތެކެވެ. އެތަކެއް މަސްއޫލިއްޔަތެއް ހިމެނިގެންވާ ނިޢުމަތެކެވެ. ހަމަކަށަވަރުން އެ ނިޢުމަތަކީ އަމާނާތެކެވެ.

ހޮލީވުޑާއި ބޮލީވުޑު ފިލްމުތަކުން އަޅުގަނޑުމެންގެ ދަރީންގެ ސިކުނޑިތައް ތަޣައްޔަރުވެގެން ދާކަމީ މިއަދު އިންކާރު ކުރެވެން ނެތް ޙަޤީޤަތެކެވެ. ދުނިޔޭގައި މިހާރު ޕްރޮމޯޓުކޮށް އެންމެ ވަރުގަދައަށް ފަތުރަމުންދާ “އެލްޖީބީޓީކިއު+” ފިކުރާއި އިލްޙާދީ އެކިއެކި ފިކުރާއި ސެކިއުލާރ ލިބަރަލް ޤަބޫލުކުރުންތައް އެންމެ ވަރުގަދައަށް ފަތުރާ ވަސީލަތްތަކަކީ މި ދެންނެވި ފިލްމުތައް ކަމާ މެދަކު ވެސް އިންކާރު ކުރެވޭނޭ ޖާގައެއް ނެތެވެ. މި ދެންނެވި ފަދަ ހަޑިމުޑުދާރުކަންކަމަކީ އެއީ ރީތިކަންކަމުގައި އެ ފިލްމުތަކުގައި ދައްކައެވެ. އެއް ޖިންސުން ގުޅުން ހިންގުމަކީ ޠަބީޢީކަމެއް ކަމުގައި ދައްކައެވެ. އެ ކަންކަމާ ދެކޮޅު ހަދާ މީހުންނާއި ފިކުރުތަކަކީ އެއްވެސް ތާނކުންތާނކު ނުޖެހޭ ނާތަހުޒީބީ އަނދިރިކަމެއްގެ ތެރޭގައި ތިބި ޖާހިލު ބައެއް ކަމާއި ބޯދާ ފިކުރުތަކެއް ކަމަށް ދައްކައެވެ. ސީދާ “އެލްޖީބީޓީކިއު+” ފިކުރު ފެތުރުމަށް އެ ކޮންސެޕްޓަށް ފިލްމުތައް ހެދުން ވަނީ އިންތިހާއަށް އިތުރުވެފައެވެ. މީގެ އިތުރުން މިހާރަކަށް އައިސް ކުޑަކުދީން ބެލުމަށް ހަދާ ކާރޓޫނުތަކަށް ވެސް ހަޑިމުޑުދާރު އެ ފިކުރުތައް ވައްދައިފިއެވެ.

އިޝްތިހާރު
އިޝްތިހާރު

ދަރީންނަށް ރަނގަޅު ދީނީ ތަރުބިއްޔަތާއި މައިންބަފައިންގެ ފާރަވެރިކަމާއި ޢިނާޔަތްތެރިކަން ނުލިބިއްޖެއްޔާ މި ދެންނެވި ފިކުރުތަކުގައި ޖެހި ހަލާކުވެގެން އެ ކުދީން ހިނގައިދާނެއެވެ. މި ކަންކަން މިހާރު މުޖުތަމަޢުން ފެންނާން ވެސް ފަށައިފިއެވެ. ކުދީންގެ ސިކުނޑިތަކުގައި މި ފިކުރުތައް އަށަގަންނާން ފަށައިފިއެވެ. އަދި ކިއެއްތޯއެވެ! މި ފިކުރުތަކަށް ތަބާވެ އެކަން ޢަމަލީ ގޮތުން ކުރާން ވެސް ފަށައިފިއެވެ.

ބެލެނިވެރީންނޭވެ! ދަރީންނާ މެދު ރައްކައުތެރިވާށެވެ. ފަރުވާތެރިވާށެވެ. މާދަން އެ ދަރިންނާ މެދު އަޅުގަނޑުމެންނާ ސުވާލުވެވޭނޭ ކަން ކަށަވަރެވެ. ދީނީ ރަނގަޅު ތަރުބިއްޔަތެއް އެ ކުދީންނަށް ދޭށެވެ. އިސްކޫލުން އެ ކުދީންނަށް ދެވޭ ތަޢުލީމަށް ހަމައެކަނި ބަރޯސާވެގެން ނުތިބޭށެވެ. ބޮލީވުޑާއި ހޮލީވުޑުގެ ފިލްމުތަކުގައި އެ ކުދީން ނުޖައްސާށެވެ. ހެޔޮ ރަނގަޅު މަގުމަގު އެ ކުދީންނަށް ދައްކާށެވެ. ހެޔޮ މީހުންނާ އެކުގައި އުޅޭން އެ ކުދީންނަށް ދަސްކޮށްދޭށެވެ. އާޚިރަތަކީ އަންނާނޭ ދުވަހެއް ކަން އެ ކުދީންނަށް ބުނެދޭށެވެ. އާޚިރަތަށް ތައްޔާރުވުމަށް އެ ކުދީންނަށް ކިޔައިދީ ދަސްކޮށްދޭށެވެ. ދުނިޔެވީ އެދުމާއި މާއްދިއްޔަތަށް އެ ކުދީންގެ ހިތް ނުލަނބުވާށެވެ. މާތް ﷲ މަޢުރިފާކޮށް ދަނެގަތުމަށް އެ ކުދީންނަށް ދަސްކޮށްދޭށެވެ. އެންމެ ހެޔޮވެގެންވާ ނަމޫނާއަކީ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ކަން އެ ކުދީންނަށް ބުނެދޭށެވެ.

ދަރީންގެ ތަރުބިއްޔަތާ މެދު އިހުމާލުވުމުގެ ސަބަބުން އިންސާނާ ނަރަކައަށް ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ދަރީންނާ މެދު އިހުމާލުވުމުގެ ނުބައިކަމުން ރައްކައުތެރިވެ ތިބުމަށް ﷲ سبحانه وتعالى ވަނީ އަޅުގަނޑުމެންނަށް އިންޒާރުކުރައްވައިފައެވެ. ތަޙްރީމު ސޫރަތުގެ 6ވަނަ އާޔަތުގެ މާނައިގައި ވަނީ އަންނަނިވި ފަދައިންނެވެ. “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރީން ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިން ކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުން ވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރު ކުރައްވާ ކަންތައް އެބޭކަލުން ކުރައްވާނެތެވެ.”

“ދީނުގެމަގު” ގެ ހެޔޮއެދުންތަކާއެކު ✍️ الشَّيْخ شَفِيْعُ عَبْدُ الله

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ