​މެސީގެ މޮޅު ކުޅުމާއެކު ޕީއެސްޖީ މޮޅުވުމުގެ ސިލްސިލާ ކުރިއަށް

ކުޅިވަރު ފަހުގެ

ފްރާންސް ލީގުގައި އޭސީ އަޖަސިއޯއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އިން އެއް ވަނައިގައި ހަމަޖެހިލައިފިއެވެ.

މިއީ ފްރާންސް ލީގުގައި ޕީއެސްޖީން ކުޅުނު 12 ވަނަ މެޗެވެ. އެ ޓީމު ވަނީ 10 މެޗުން މޮޅުވެ ދެ މެޗުން އެއްވަރުވެފައެވެ. ލީގުގައި މިހާތަނަށް ޕީއެސްޖީ ބަލިވެފައެއް ނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ހުކުރު ދުވަހުގެ ރޭ އަޖަސިއޯގެ ދަނޑުގައި ޕީއެސްޖީން ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 3-0 އިންނެވެ. މެޗުގައި ޕީއެސްޖީގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މި ސީޒަންގައި މެސީ ހުރީ ރަނގަޅު ފޯމެއްގައެވެ.

މެޗުގެ 24 ވަނަ މިނެޓުގައި ޕީއެސްޖީގެ ފުރަތަމަ ލަނޑު ޖަހައިދިނީ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭއެވެ. އެއީ އަޖައިސޯގެ އޭރިޔާ ބޭރުން މެސީ ދިން ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ޕީއެސްޖީގެ ފަހު ދެ ލަނޑު ފެނުނީ މެޗުގެ ފަހު ހާފުގައެވެ.

ޕީއެސްޖީގެ ދެ ވަނަ ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި މެސީ ޖެހީ އެމްބާޕޭ ދިން ބޯޅައެއް އަޖައިސޯގެ ގޯލް ކީޕަރު ކައިރިން ނައްޓާލުމަށްފަހު ގޯލަށް ފޮނުވާލައިގެންނެވެ. ޕީއެސްޖީގެ ފަހު ލަނޑު އެމްބާޕޭ ޖެހީ 82 ވަނަ މިނެޓުގައި މެސީ ދިން ބޯޅައެއް ތިރިތިރިން ގޯލުގެ އަރިމަތީ ކަނަށް ފޮނުވާލައިގެންނެވެ.

މެޗުން މޮޅުވެ ޕީއެސްޖީ ލީގު ތާވަލްގެ އެއް ވަނަ މަގާމުގައި އޮތީ 12 މެޗުން 32 ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލޮރިއެންޓަށް ލިބެނީ 11 މެޗުން 26 ޕޮއިންޓެވެ. ތިން ވަނައިގައި ލެންސް އޮތީ 24 ޕޮއިންޓާއެކުއެވެ.​

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ