ސުވަރުގޭގެ ނިޢުމަތްތައް

ފަހުގެ ދީން

ސުވަރުގެއަކީ ﷲ تعالى އަށް ކިޔަމަންތެރިވި އަޅުތަކުންނަށް، އެ އިލާހު ތައްޔާރުކުރައްވައިފައިވާ ކަރާމާތުގެ ގޮވައްޗެވެ. ދުވަހަކު ވެސް ލޮލަކަށް ފެނިފައިނުވާ، ކަންފަތަކަށް އިވިފައިނުވާ އަދި އިންސާނެއްގެ ހިތަށް ވެސް ނާރާ ފަދަ މަތިވެރި ނިޢުމަތްތައް، މާތް ﷲ ގެ އަޅުންނަށްޓަކައި އެއިލާހު ވަނީ އެތަނުގައި ތައްޔާރުކުރައްވައިފައެވެ.

އެ ތަނުގެ ބިނާތައް ވަނީ ރަނާއި ރިހީގެ ގަލުންނެވެ. އަދި އެ ތަނުގެ އުވަޔަކީ މީރުވަސް ގަދަވެގެންވާ ގޮމަކަސްތޫރިއެވެ. އެ ތަނުގައިވާ ގާކޮޅުތަކަކީ އިތާއި ޔާގޫތެވެ. އަދި އެ ތަނުގެ ވެއްޔަކީ ކުކުނެވެ. އެ ތަނަށް ވަދެއްޖެ މީހަކު ވާހުށީ ނިޢުމަތުގައެވެ. މާޔޫސްވުމެއް ނުވެއެވެ. އަދި ތާ އަބަދަށް އެ ތަނުގައި ދެމި ތިބޭނެއެވެ. މަރުވުމެއް ނުވެއެވެ. އެބައިމީހުންގެ ހެދުންތައް ބާވުމެއް ނުވެއެވެ. އެބައިމީހުންގެ ޒުވާންކަން ފަނާވުމެއް ނުވެއެވެ. އެ ތަނުގައިވާ ގަހެއްގެ ހިޔަލުގައި ދަތުރުކުރާ މީހަކު ސަތޭކަ އަހަރު ދަތުރުކުރިޔަސް އެ ހުރަސް ނުކުރެވޭނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ސުވަރުގޭގައި ސަތޭކަ ދަރަޖަވެއެވެ. އެ ތަނުން ކޮންމެ ދެ ދަރަޖައެއްގެ މެދުގައި އުޑާއި ބިމާ ދެމެދުގައިވާ ދުރުމިން ވެއެވެ. އޭގެ އެންމެ މައްޗަކީ “ފިރުދައުސް”އެވެ. ސުވަރުގޭގެ ކޯރުތައް ފެށެނީ އެ ތަނުންނެވެ. އެ ތަނުގައިވާ ކޯރުތަކުގެ ތެރޭގައި ތަޣައްޔަރުވުމެއް ނުވާ ސާފު ފެނުގެ ކޯރުތަކާއި އޭގެ ރަހަ ތަފާތު ނުވާ ކިރުގެ ކޯރުތަކާއި ބޯމީހުންނަށް ލައްޒަތު ލިބެނިވި ރާގެ ކޯރުތަކާ އަދި ސާފު މާމުއިގެ ކޯރުތައްވެއެވެ.

ސުވަރުގެވަންތަވެރީން ވާހުށީ ސާދަވިލޭރޭގެ ހަނދު ފަދަ ރިވެތި ސޫރައެއްގައެވެ. އެބައިމީހުންގެ ކާނާއަކީ އެބައިމީހުން ޚިޔާރު ކުޅަ މޭވާއެވެ. އަދި އެބައިމީހުންގެ ހިތްއެދޭ ބާވަތްތަކުގެ ދޫނިސޫފާސޫފީގެ މަހެވެ. އެބައިމީހުންގެ ބުއިމަކީ ކާފޫރާއި އިނގުރާ އެއްކޮށްފައިވާ ރާއެވެ. އެބައިމީހުންގެ ކަންވާރުތައް ވަނީ ރަނާއި ރިހިންނެވެ. ބިއްލޫރިހާ ސާފުވާނެއެވެ. އެބައިމީހުންގެ ފޭރާންވާނީ ފަށުވިންނެވެ. އަދި ގަހާނާ ވާހުށީ ރަނާއި ރިހިންނެވެ. އެބައިމީހުންގެ ދާންތަކުގެ ބަތާނަ ވަނީ ބޯ ފަށުވިންނެވެ.

ސުވަރުގެ ވަންތަވެރީންނަށް ލިބެނިވި އެންމެ މަތިވެރި ނިޢުމަތަކީ ﷲ تعالى ގެ ވަޖުހުފުޅު ފެނުމުގެ ނިޢުމަތެވެ. ޙަދީޘްބަސްފުޅުގެ މާނައިގައިވެއެވެ. “ސުވަރުގެވަންތަވެރީން ސުވަރުގެއަށް ވަނުމުން ﷲ تَبَارَكَ وَتَعَالَى އެބައިމީހުންނަށް ވަޙީކުރައްވާނެތެވެ. ތިޔަބައިމީހުންނަށް އިތުރުކޮށްދިނުމަށް ތިޔަބައިމީހުން ބޭނުންވާކަމެއް ވޭ ހެއްޔެވެ؟ ފަހެ އެބައިމީހުން ދަންނަވާނެއެވެ. އިބަ އިލާހު އަޅަމެންގެ މޫނުތައް އުޖާލާ ނުކުރައްވަމު ހެއްޔެވެ! އަދި ސުވަރުގެއަށް ވައްދަވާ ނަރަކައިން މިންޖު ނުކުރައްވަމު ހެއްޔެވެ! ފަހެ އެހާރުން ﷲ تعالى ފަރުދާ ކަޝްފުކުރައްވާނެއެވެ. އެބައިމީހުންގެ ރައްބު عَزَّ وَجَلَّ ފެނުމަށްވުރެ އެބައިމީހުންނަށް ލޮބުވެތިކަން ބޮޑުވެގެންވާ ނިޢުމަތެއް ދެއްވިގެން ނުވެއެވެ.” (صحيح مسلم 297 – (181)). ފަހެ އެފަދަ މަތިވެރިކަމެއް ޙާޞިލުކުރުމަށް ޓަކައި އަވަސްވެގަންނަ މީހުން އަވަސްވެގަންނާށެވެ. އަދި ވާދަކުރާ މީހުން ވާދަކުރާށެވެ.

ދުޢާއަކީ، ﷲ تعالى އަޅަމެންނީ ޖަންނަތުލް ފިރުދައުސުގެ އަހުލުވެރީން ކަމުގައި ލެއްވުމެވެ! އާމީން!

“ދީނުގެމަގު” ގެ ހެޔޮއެދުންތަކާއެކު ✍️ الشَيْخ عِمْرَان مُحَمَّد عَلِي

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ